ޚަބަރު

އަލިފާނުގެ ހާދިސާއާ ގުޅުވައިގެން އަންނަ މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިވެތިބުމަށް އިލްތިމާސްކުރަން: އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު

15 ނޮވެމްބަރ

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން އަންނަ މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިވެތިބުމަށް ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑްއެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އިލްތިމާސްކުރައްވައިފިއެވެ.

 

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މިފަދައިން އިލްތިމާސްކުރެއްވީ ނޮވެމްބަރ 9 ވަނަ ދުވަހުގެ ރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ކައުންޓަރޓެރަރިޒަމް އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ.

 

އިއްޔެ ބޭއްވި ނޫސްވެރިންގެ އެ ބައްދަލުވުމުގައި، ނިރުފެހިގޭގައި ހިނގާދިޔަ އަލިފާނު ހާދިސާއާ ގުޅުވައިގެންނާ އަދި އެހެނިހެން ގޮތްގޮތުންވެސް އަންނަ މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިވެތިބުމަށާއި އެކި މީސްމީހުން ފޮނުވާ ތަފާތުއެކި ލިންކުތަކަށް ނުވަނުމަށް އެސިސްޓެންޓް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ. އަދި އަލިފާނުގެ ހާދިސާގައި ކުރެވުނު މަސައްކަތްތަކުގައި އާންމު ރައްޔިތުންނާއި ނޫސްވެރިންގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާއި  އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައި އިތުރު މައުލޫމާތު ހިއްސާކުރެއްވިއެވެ.

 

އިސްކަންދަރު ބިލްޑިންގައި އިއްޔެ ބޭއްވި ނޫސްވެރިންގެ އެ ބައްދަލުވުމުގައި، ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާއި އެ ހާދިސާގެ ތަހުގީގުގެ ތެރެއިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކައުންޓަރޓެރަރިޒަމް އޮޕަރޭޝަނާ ގުޅޭ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

 

އެގޮތުން، އަލިފާނުގެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު އެ ސަހަރައްދަށް ދިޔައިރު އަލިފާންގަނޑު ނިރުފެހިގެއަށް ފެތުރިފައިވާކަން، ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިހް  ފާހަގަކުރެއްވިއެވެ. އަދި އެ ގޭ ތެރޭގައިތިބި މީހުން ސަލާމަތްކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ދެ މީހަކު އައިޖީއެމްއެޗަށް ގެންދިޔަކަމާއި އެ ތަނުން އެކަކު ނިޔާވިކަމާ އަދި އަނެއް މީހާއަށް އަދިވެސް ފަރުވާދެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި އަލިފާނުގެ ހާދިސާގައި ނިޔާވި 10 މީހުންގެ ތެރެއިން އެ މީހުންގެ އާއިލާއިން ހަށިގަނޑު ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު އެ މީހެއްގެ ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން މިހާތަަނަށް ތިން މީހެއްގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފައިވާކަން ފާހަގަކުރައްވައި އިތުރު މައުލޫމާތު ހިއްސާކުރެއްވިއެވެ.

 

އޭގެ އިތުރުން، އައްޑޫ ސިޓީއާއި މާލެ އަދި ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ ކައުންޓަރޓެރަރިޒަމް އޮޕަރޭޝަންގެ މައުލޫމާތު ހިއްސާކުރައްވަމުން، ޓެރަރިޒަމް އަދި ވަޔަލެންޓް އެކްސްޓްރިމިޒަމް ޔުނިޓުގެ ހެޑްއިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަޙްމަދު ވިދާޅުވީ އެ އޮޕަރޭޝަނަކީ ގިނަބަޔަކަށް އަމާޒުކޮށްގެން ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވަމުންދާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. އެ އޮޕަރޭޝަންގައި އައްޑޫސިޓީ އިން  ނުވަ މީހަކާއި ކ. ގުރައިދޫން ދެ މީހަކު އަދި މާލެސިޓީ އިން ދެ މީހަކު ހައްޔަރުކޮށްފައިވާކަމާ އަދި މައްސަލައާ ގުޅިގެން 11 ތަނެއް ބަލައިފާސްކޮށްފައިވާކަން ފާހަގަކުރައްވައި އިތުރު މައުލޫމާތު ހިއްސާކުރެއްވިއެވެ.