ޚަބަރު

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ނ. ކެނދިކުޅުދޫގައި

20 ނޮވެމްބަރ 2022

ބައިނަލްއަގުވަމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ޔުނިސެފް މޯލްޑިވްސް ގުޅިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ހަރަކާތްތައް މި އަހަރު ކުރިއަށް ގެންދަނީ ނ. ކެނދިކުޅުދޫގައެވެ.

ކެނދިކުޅުދޫ ކައުންސިލާއި ނ. އަތޮޅު ކައުންސިލު އަދި އެ އަތޮޅުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ބައެއް ފަރާތްތަކުގެ ބައިވެރިވުމާއެކު މި މަހު 18 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ އެ ހަރަކާތްތަކުގައި އެންމެ ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔައީ ބިލްބޯޑު އިފްތިތާހުކުރުމުގެ ހަރަކާތެވެ. ބިލްބޯޑް އިފްތިތާހު ކޮށްދީފައިވަނީ ރަށުގެ ކުޑަކުދިންނެވެ. އެ ކުދިންނާއެކު ރޮބޯމޭންގެ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.

އޭގެ އިތުރުން ރަށުގެ ކުޑަކުދިންގެ ކުރެހުންތައް ދައްކާލުމަށް ކުޑަކުދިންގެ ކުރެހުމުގެ މައުރަޒެއް ކުރިއަށް ގެންގޮސްފައިވެއެވެ. ކެނދިކުޅުދޫ ސްކޫލްގައި ކުރިއަށްގެންދިޔަ މި މައުރަޒު ހުޅުވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީއެވެ. މި މައުރަޒުގައި މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރާ ގުޅޭގޮތުން ދަރިވަރުން ކުރަހާފައިވާ ގިނަ އަދަދެއްގެ ކުރެހުންތައް ދައްކާލާފައިވެއެވެ.

އަދިވެސް އޭގެ އިތުރުން، ކުޑަކުދިންގެ ކަލަރ ރަން އެއް އިއްޔެ ހަވީރު ކުރިއަށް ގެންގޮސްފައިވެއެވެ. ކުޑަކުދިންނަށް ހާއްސަ ޒުންބާގެ ހަރަކާތްތަކާއި ރޮބޯމޭންގެ ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ އެ ކަލަރަ ރަންގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިއެވެ. އެ ކަލަރ ރަންގައި އެޑިއުކެޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ އާއި ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި ފުލުހުން ބައިވެރިވިއެވެ.

 

މި ހަރަކާތްތަކުގެ ތެރެއިން، ކުޑަކުދިންގެ ހާއްސަ ހަވީރެއް މިއަދު ކެނދިކުޅުދޫގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.