ދެ ރަށެއްގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައިފި
21 ނޮވެމްބަރ 2022
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ލ. މާވަށް އަދި ދ. މީދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި އެ މައްސަލަތައް ތަހުގީގުކުރަން ފަށައިފިއެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން ލ. މާވަށުގައި ހިންގި އޮޕަރޭޝަނަކީ އެ އަތޮޅު މާމެންދޫން މާވަށަށް މަސްތުވާތަކެތި އެެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހު 19 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މާވަށު ބަނދަރު ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 17 ސެލޯފިންކޮޅު ފެނިފައިވެއެވެ.
ދ. މީދޫން ހޯދި މަސްތުވާތަކެއްޗަކީ މީދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހޯދި ތަކެއްޗެވެ. އެ ތަކެތި ހޯދާފައިވަނީ މި މަހު 17 ވަނަ ދުވަހު އެ ރަށު ބަނދަރާ ގާތްކުރި ބޯޓަކުން ބޭލި ފޮށިގަނޑެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ..
މި ދެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.