”ސީނިއަރ ޕޮލިސް އެގްޒެކްޓިވް މީޑިއާ ވޯކްޝޮޕް” ކުރިއަށް ގެންގޮސްފި
28 ނޮވެމްބަރ 2022
ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭ.އެފް.ޕީ) ގެ ފަރާތުން ”ސީނިއަރ ޕޮލިސް އެގްޒެކްޓިވް މީޑިއާ ވޯކްޝޮޕް” ކުރިއަށް ގެންގޮސްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މި މަހު 26 އަދި 27 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މީޑިއާތަކާއި އާންމު ރައްޔިތުންނަށް މައުލޫމާތު ދިނުމުގައި އަމަލުކުރާނެގޮތުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

އެގޮތުން، އާންމު މީޑިއާތަކުގެ ބޭނުން ފުލުހުން ކުރާނެގޮތް، އެކަމުގެ މުހިންމުކަން، މައުލޫމާތު ދިނުމަށް ތައްޔާރުވާނެގޮތް، މީޑިއާ ސްޓްރެޓެޖީސް އަދި އެކި ހާލަތްތަކުގައި މީޑިއާ އަށް މައުލޫމާތުދޭނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ނޫސްވެރިންގެ ބައްދަލުވުމަކަށް ތައްޔާރުވެ މައުލޫމާތުދިނުމުގައި އަމަލުކުރާނެގޮތުގެ ހުނަރުތައް ދަސްކޮށްދިނުމާއެކު ބައިވެރިންގެ މެދުގައި ގްރޫޕް ހަރަކާތްތަކެެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ޑިޕާޓްމަންޓުތަކާއި އަތޮޅު ކޮމާންޑަރުން ހިމެނޭހެން 20 މުވައްޒަފުން ބައިވެރިވި މި ވޯކްޝޮޕްގައި ޝެޝަންތައް ނަންގަވައިދެއްވީ އޭ.އެފް.ޕީ ގެ ފަރާތުން މީޑިއާ އޮފިސަރ މައިކަލް ވްރޭއެވެ.
މި ވޯކްޝޮޕް ކުރިއަށް ގެންދިޔައީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓަނޭޝަނަލް ރިލޭޝަންސް އަދި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެހީތެރިކަމާއެކުގައެވެ.