ޚަބަރު

ފުލުހުންގެ ޑޯގް ސްކޮޑަށް އެންމެފަހުން ގެނައި ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރަންފަށައިފި

07 ޑިސެމްބަރ 2022

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑޯގް ސްކޮޑަށް އެންމެ ފަހުން ގެނައި 10 ކުއްތާ ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށައިފިއެވެ.

 

މި ކުއްތާތަކަކީ ނުރައްކާތެރި ގޮވާތަކެތި ދެނެގަތުމަށް ހާއްސަކޮށްގެން އެމެރިކާގައި ތަމްރީނުކޮށްފައިވާ ކުއްތާތަކެކެވެ. މި ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރުމާއި ކުއްތާތައް ބެލެހެއްޓުމަށް އެމެރިކާގައި 10 ފުލުހުން ތަމްރީނުކޮށްފައިވެއެވެ.

 

މި އަހަރުގެ ޖުލައި މަހު ރާއްޖެ ގެނައި މި ކުއްތާތައް، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ ނޮވެމްބަރ މަހު އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކައުންޓަރޓެރަރިޒަމް އޮޕަރޭޝަނުގައެވެ.

ޓެރަރިޒަމް އޮޕަރޭޝަންތަކުގެ އިތުރުން އިންޓެލިޖެންސް ބައެއް މައުލޫމާތުތަކާ ގުޅިގެން ހިންގާ ތަފާތު އޮޕަރޭޝަންތައް، ކަސްޓަމްސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެއާޕޯޓާއި އެއާޕޯޓު ކާގޯ އޭރިއާ އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހައި ޕްރޮފައިލް ބޭފުޅުންގެ އިވެެންޓުތަކުގައިވެސް ފުލުހުންގެ ޑޯގް ސްކޮޑް ބޭނުންކުރަމުންގެންދެއެވެ.

ޑޯގް ސްކޮޑަށް އިތުރަށް ގެނައި 10 ކުއްތާއާއެކު ފުލުހުންގެ ޑޯގް ސްކޮޑުގައި މިހާރު ބޭނުންކުރަމުންގެންދަނީ 25 ކުއްތާއެވެ. ޑޯގް ސްކޮޑް ބޭނުންކޮށްގެން ކާމިޔާބު ތަފާތުއެކި އޮޕަރޭޝަންތައް ފުލުހުން ހިންގާފައިވެއެވެ.