ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

09 ޖަނަވަރީ 2023

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިންޓެލިޖެންސާއި ނ. މާފަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި 37 އަހަރުގެ މީހަކު ހައްޔަރުކޮށްފައިއެވެ.

 

މި މަހު 8 ވަނަ ދުވަހު މާފަރުގައި ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް، ސެލޯފިން ކޮޅެއް އަދި ދެ ކަރުދާސްކޮޅު ފެނިފައިވެއެވެ.

 

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

އޭގެ އިތުރުން، ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން މި މަހު 8 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައި 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އަމަލުތައްހުރި ގޮތުން ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ސެލޯފިން ކޮޅު ފެނުމާ ގުޅިގެންނެވެ.

 

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާވަނީ ދޫކޮށްލާފައެވެ.

 

މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.