ޚަބަރު

ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

15 ޖަނަވަރީ 2023

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ހިންގި ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ

 

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. އެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުން، ކޮމިޝަންޑް އޮފިސަރުން އަދި މިނިސްޓަރުންނާއި ރައްޔިތުން މަޖިލިސް މެމްބަރުންނާއި ދައުވަތުއެރުވިގެން ވަޑައިގެންނެވި އިއްޒަތްތެރިން ބައިވެރިވެލެއްވިއެވެ.

ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް މުޙައްމަދު މިޝްދާދް މީޝާޤްއެވެ. އެ ދަރިވަރަށް، ކޮމިޝަނަރ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު ހަވާލުކޮށްފައިވެއެވެ. އެވޯޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

ކޯހުގެ އިންޑޯ މާއްދާތަކުން އެއް ވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް އާމިނަތު ހަމީޒާ އަޙްމަދުއެވެ. އައުޓްޑޯ މާއްދާތަކުން އެއް ވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް އާސިޔަތު ސުޒީއެވެ. އެންމެ މޮޅު ސްކޮޑަކަށް ހޮވިފައިވަނީ އާނެއްލާ ސްކޮޑެވެ.

2022 އޮގަސްޓް 7 ވަނަ ދުވަހުން ފެށިގެން މި ޖަނަވަރީ މަހުގެ 13 އަށް ކުރިއަށް ގެންދިޔަ މި ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި ޢިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. އެގޮތުން، ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަޚްލާޤާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްގެ މައުލުމާތާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

48 އަންހެން ބައިވެރިންނާއި 149 ފިރިހެން ބައިވެރިން ބައިވެރިވި މި ކޯސް 164 ބައިވެރިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވެއެވެ.

 

34 ވަނަ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ތާރީޚުގައިވެސް އެންމެ ގިނަބަޔަކު ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ކޯހެވެ. މި ކޯހަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ އަސާސީ ތަމްރީނުގެ ފުރަތަމަ ކޯހެވެ.

ރޭގެ ރަސްމިއްޔާތު ނިންމާލާފައިވަނީ ކޯހުގެ ދަރިވަރުންގެ ރޫޓް މާޗަކުންނެވެ.