ޚަބަރު

ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީނު ކޯސް: ގިނަ ކާމިޔާބީތަކެއް އަންހެން ފުލުހުންނަށް

15 ޖަނަވަރީ 2023

2022 އޮގަސްޓް 7 ވަނަ ދުވަހުން ފެށިގެން މި ޖަނަވަރީ މަހުގެ 13 އަށް ކުރިއަށް ގެންދިޔަ ފުލުހުންގެ 34 ވަނަ އަސާސީ ތަމްރީނު ކޯހުން ގިނަ ކާމިޔާބީ ތަކެއް އަންހެން ފުލުހުން ހޯދައިފިއެވެ.

 

މި ކޯހަކީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ އަސާސީ ތަމްރީނުގެ ފުރަތަމަ ކޯހެވެ.

ފުލުހުންގެ ތާރީޚުގައިވެސް އެންމެ ގިނަ ބަޔަކު ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ މި އަސާސީ ތަމްރީނު ކޯހުގައި ޕޮލިސް ކޮންސްޓަބަލް ރޭންކުގެ 48 އަންހެން ފުލުހުން ބައިވެރިވިއެވެ. އޭގެ ތެރެއިން ކޯހުން ކަނޑައަޅާފައިވާ މިންގަނޑަށް 40 އަންހެން ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ. އަސާސީ ތަމްރީނު ކޯހުން އަންހެން ފުލުހުން ގިނަ ކަމިޔާބީތަކެއް ހޯދި ފުރަތަމަ ކޯހަކީވެސް 34 ވަނަ އަސާސީ ތަމްރީނު ކޯހެވެ. މީ ފުލުހުންގެ ތާރީޚުގައިވެސް އަންހެން ފުލުހުންނަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެކެވެ.

 

34 ވަނަ އަސާސީ ތަމްރީނު ކޯހުގެ ހުރިހާ ގޮތަކުން ދެވަނަ އަދި ތިންވަނަ ދަރިވަރަކަށްވެސް ހޮވިފައިވަނީ އަންހެން ފުލުހެކެވެ. އެގޮތުން، ދެވަނަ އަށް ޕޮލިސް ކޮންސްޓަބަލް އާމިނަތު މުޝްރިފާ ހޮވިފައިވާއިރު ތިންވަނަ އަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް ޢާއިޝަތު ޒޫނާ މުޙައްމަަދުއެވެ.

ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ދަރިވަރަކަށްވެސް ހޮވިފައިވަނީ އަންހެން ފުލުހެކެވެ. އެއްވަނަ އަށް ޕޮލިސް ކޮންސްޓަބަލް އާމިނަތު ހަމީޒާ އަޙްމަދު ހޮވިފައިވާއިރު ދެވަނަ އަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް އާމިނަތު ޝިރަންއެވެ. ތިންވަނަ އަށް ހޮވިފައިވަނީ ޢާއިޝަތު ޒޫނާ މުޙައްމަަދުއެވެ.

 

އައުޓްޑޯ މާއްދާތަކުން އެއްވަނަ އަށް ޕޮލިސް ކޮންސްޓަބަލް އާސިޔަތު ސުޒީ ހޮވިފައިވާއިރު ތިންވަނަ އަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް އާމިނަތު މުޝްރިފާއެވެ.

34 ވަނަ އަސާސީ ތަމްރީނު ކޯހުގެ އެކި ސްކޮޑުތަކުން ވަނައަށް ދިޔަ ދަރިވަރުންގެ ތެރޭގައިވެސް އަންހެން ފުލުހުން ހިމެނިފައިވެއެވެ.

 

އެގޮތުން، އާނެއްލާ ސްކޮޑުން އެއްވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް އާމިނަތު ޝިރަން ހޮވިފައިވާއިރު އަންބަރީ ސްކޮޑުން ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް ހަލީމަތު ޢަބްދުﷲ ނަސީރުއެވެ. ބީފާނު ސްކޮޑުން އެއްވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް އާމިނަތު ހަމީޒާ އަޙްމަދު ހޮވިފައިވާއިރު ހާޖީ ސްކޮޑުން އެެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް ފާޠިމަތު ފައިހާއެވެ. ރަންވިއްކާ ސްކޮޑުން ދެވަނަ އަށް ޕޮލިސް ކޮންސްޓަބަލް އާމިނަތު މުޝްރިފާ ހޮވިފައިވާއިރު ދެވަނަ އަށް ހޮވިފައިވަނި ޕޮލިސް ކޮންސްޓަބަލް ޢާއިޝަތު ޒޫނާ މުޙައްމަަދުއެވެ

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި ޢިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.

މި ކޯހުގައި، ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަޚްލާޤާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްގެ މައުލޫމާތާއެކު ތަމްރީނުތައް ކުރިއަށްގެންދެއެވެ.