ޚަބަރު

92ވަނަ ފުރާވަރު ކޭމްޕު ލ. އަތޮޅުގައި ކުރިއަށް ގެންގޮސްފި

22 ޖަނަވަރީ

ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށް ގެންދާ ފުރާވަރު ކޭމްޕުގެ 92ވަނަ ކޭމްޕު ލ. ކުނަހަންދުއާއި މާމެންދޫ އަދި ހިތަދޫ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންގޮސްފިއެވެ.

 

މި މަހު 19 އިން 21 އަށް ލ. ހިތަދޫގައި ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ދަރިވަރުންނަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދީފައިވެއެވެ.

އެގޮތުން، ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ގައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް އޮޅުންފިލުވައިދީފައިވެއެވެ. އަދި އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތްތައް ބުނެދީފައިވެއެވެ. އަދި  އިސްލާމީ މުޖުތަމައެއްގައި ހަރުދަނާ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މައުލޫމާތުދިނުމާއެކު ހުނަރުތައް ދަސްކޮށްދީފައިވެއެވެ. އަދި ވަގުތުގެ މުހިންމުކަމާއި އަބަދުވެސް ގަޑިން ގަޑިއަށް ކަންތައްތައް ކުރުމަށް ބުނެދީފައިވެއެވެ.

މީގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރި ކުރުވައި އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން ބުނެދީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރިކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ގަނާކުރުމުން ދުރުހެލިވެ ރައްކާތެރިވުމާއި އެފަދަ ކަންކަމުން އެހެން ކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތައް ބުނެދީފައިވެއެވެ. އަދި ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމާއި ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތަކުގެ މައުލޫމާތު ވެސް ދީފައިވެއެވެ. އަދި ދަރިވަރުންގެ ކިބައިގައި ގައުމީ ލޯބި އިތުރުކުރުމާއި ގައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަކާދަތަކަށް އަހުލުވެރިކުރުވައި، ގާނޫނާއި ގަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.

 

ދަރިވަރުންގެ އިތުރުން އެ ސްކޫލުތަކުގެ މުދައްރިސުންނާއި ބެލެނިވެރިންނަށްވެސް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން ސްކޫލް މާހައުލުގައި ދަރިވަރުންގެ އަހުލާގު ބައްޓަންކުރުމުގައި މުދައްރިސުންގެ ދައުރާއި ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ

ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި ކުނަހަންދޫ ސްކޫލް، މާމެންދޫ ސްކޫލު އަދި ހިތަދޫ ސްކޫލާއި އެ ރަށްރަށުގެ ކައުންސިލުތައް ގުޅިގެން ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި އެ ތިން ސްކޫލު ހިމެނޭހެން 59 އަންހެން ދަރިވަރުންނާއި 58 ފިރިހެން ދަރިވަރުން ބައިވެރިވިއެވެ

 

ފުރާވަރު ކޭމްޕުގެ 91ވަނަ ޕްރޮގްރާމް މި މަހު 12 އިން 14 އަށް ގދ. ހޯނޑެއްދޫ އަދި މަޑަވެލީގައި ކުރިއަށް ގެންގޮސްފައިވެއެވެ.