ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް މާލެ ސިޓީގެ ތިން ސްކޫލެއްގައި ފަށައިފި
22 ޖަނަވަރީ 2023ރޯޑް ޕޮލިހާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދާ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ތާޖުއްދީން ސްކޫލާއި، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އަދި ހުޅުމާލެ ޣާޒީ ސްކޫލުގައި ފަށައިފިއެވެ.
ޖަނަވަރީ 21 އިން 25 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ދިނުމާއި ދަރިވަރުންގެ އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ދިނުމާއެކު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
އަދި ސްކޫލު ސަރަހައްދާއި މަގުމަތީގައި ހަރަކާތްތެރިވާ ދަރިވަރުން އާންމުންނާ މުއާމަލާތުކުރުމުގައި ރީތި އަދަބުތަކަށް އަހުލުވެރިކުރުވުމާއި
ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
އޭގެ އިތުރުން، ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.
އެ ސްކޫލް ތަކުގައި ވަކިވަކިން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ތާޖުއްދީން ސްކޫލުގެ 36 ދަރިވަރުން، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ 34 ދަރިވަރުން އަދި ހުޅުމާލެ ޣާޒީ ސްކޫލުގެ 34 ދަރިވަރުން ބައިވެރިވެއެވެ.
މި ޕްރޮގްރާމަކީ ސްކޫލްތައް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ސްކޫލްތަކުގެ ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް މާލެ ސިޓީއާއި އަތޮޅުތަކުގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.