ޚަބަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

06 މާޗް 2023

ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަތަރު މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ދަނީ ތަހުގީގު ކުރަމުންނެވެ.

 

އެ އޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫ ސިޓީ ހުޅުމީދޫގައި މި މަހު 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެވެ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި 53 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ބަލައި ފަސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 23 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

 

ހުޅުމީދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 5 ވަނަ ދުވަހުވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ އޮޕަރޭޝަންގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

 

އޭގެ އިތުރުން، ތިމަރަފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅު ފެނިފައިވެއެވެ.