ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި
07 މާޗް 2023
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލު ދަރިވަރުންނާއި އާންމު ރައްޔިތުން އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމްތަކެއް މެރިން ޕޮލިހާއި ލޯކަލް ޕޮލިސިންގ ގުޅިގެން ފަށައިފިއެވެ
މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް، ދިވެހިރާއްޖޭގެ ކަނޑުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމާއި ކަނޑުމަތީގައި ދިމާވާ އެކްސިޑެންޓުތަކާއި ހާދިސާތަކުގައި މީހުންނާއި މުދަލަށް ލިބޭ ގެއްލުންކުޑަ ކުރުމަށާއި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ކަނޑުމަތީގެ ކަންކަމާ ގުޅޭގޮތުން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ އަދި އެ ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ބަޔަކަށް ހެދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި، ކަނޑު އުޅަނދުފަހަރު ދުއްވާ މީހުންނާއި އެ އުޅަނދުފަހަރުގެ ވެރިންނާއި ރަށު ކައުންސިލުތަކާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނާއި ސްކޫލްތަކުގެ ދަރިވަރުންނާއި މުދައްރިސުންނަށާއި ބެލެނިވެރިންނަށް މައުލޫމާތުދިނުމަށް ހަމަޖެހިފައިވެއެވެ.
މި މަހު 3 އިން 7 އަށް މި ޕްރޮގްރާމް ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގއ. ވިލިނގިލި އަދި ގެމަނަފުށީގައެވެ.