ޚަބަރު

ޕޮލިސް ކުލަބް ވެޓަރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އިލެކްޓްރިކަލް އެންޑް މެކޭނިކަލް ސަރވިސަސް އިން ހޯދައިފި

08 މާޗް 2023

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ އުމުރުން 40 އަހަރުން މަތީގެ މުވައްޒަފުންނަށް ބާއްވާ ވެޓަރަންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އިލެކްޓްރިކަލް އެންޑް މެކޭނިކަލް ސަރވިސަސް (ކުލަބް އީއެމްއެސް) އިން ހޯދައިފިއެވެ. 

 

އެޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީ އޮންނަ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ރޯޑް ޕޮލިސްއާ ވާދަކޮށް 5-2 ން ކުރި ހޯދައިގެންނެވެ. 

 

މިމެޗުގައި ކުލަބް އީއެމްއެސް އަށް ލަނޑުތައް ޖަހައިދިނީ އިބްރާހިމް އާޒިމް އާއި ޢަބްދުﷲ އިބްރާހިމް މަނިކު އާއި ޙުސައިން ޝަރީފް އާއި ޙުސައިން ޙަބީބުއެވެ. މި ކުޅުންތެރިންގެ ތެރެއިން އިބްރާހިމް އާޒިމް ވަނީ ދެ ލަނޑު ޖަހާފައެވެ. ރޯޑް ޕޮލިސްއަށް ލަނޑުތައް ޖަހައިދިނީ ސައީދު ޢަބްދުލް ހަކީމް އާއި މުޙައްމަދު ވަޙީދުއެވެ.

 

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގަށްމަށް ހޮވުނީ ކުލަބް އީއެމްއެސްގެ އިބްރާހިމް އާޒިމްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ކުލަބް އީއެމްއެސްގެ ޢަބްދުﷲ އިބްރާހިމް މަނިކު ހޮވުނުއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެޓީމުގެ ޙުސައިން ހަބީބުއެވެ.

 

 

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ކުލަބް އީއެމްއެސްގެ އަބްދުﷲ އިބްރާހިމް މަނިކާއި ޙުސައިން ހަބީބު އާއި އިބްރާހިމް އާޒިމް އާއި ރޯޑް ޕޮލިސްގެ ޢަލީ މަޢުރޫފް އާއި މުޙައްމަދު ޒުހާންގެ އިތުރުން ޓީމު އޯސީގެ ޙުސައިންޝިފާޒް އަދި ޢަލީ އިބްރާހިމްއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ކުލަބް އީއެމްއެސްގެ އާދަމް ނަދީމް ހޮވުނުއިރު، އެންމެ ހިންގުންތެރި މެނޭޖަރަކަށް ހޮވުނީ ކުލަބް އީއެމްއެސްގެ މެނޭޖަރު މުޙައްމަދު ނަދީމް މޫސާއެވެ.

 

ޕޮލިސް ކުލަބް ވެޓަރަންސް ފުޓްސަލް މުބާރާތުގައި މިއަހަރު ޖުމްލަ 6 ޓީމަކުން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ފައިނަލަށް ދާގޮތަށެވެ. އަދި ފައިނަލުގައި ވާދަކުރާ ދެވަނަ ޓީމު ކަނޑައަޅާފައިވަނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިން ވަނަ ޓީމުގެ މެދުގައި ކުޅުނު ސެމީ ފައިނަލް މެޗުންނެވެ.

 

މިއީ ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން 40 އަހަރުން މަތީ އުމުރު ފުރައިގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މި މުބާރާތް ބޭއްވި ދެވަނަ ފަހަރެވެ.