ޚަބަރު

މޯލްޑިވްސް ވިމެންސް އިން ޕޮލިސިންގއާއި ޔޫކޭ ހައިކޮމިޝަން ގުޅިގެން އަންހެނުންގެ ދުވަސް ފާހަގަކޮށްފި

09 މާޗް 2023

މޯލްޑިވްސް ވިމެންސް އިން ޕޮލިސިންގއާއި ޔޫކޭ ހައިކޮމިޝަން ގުޅިގެން، ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

 

ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެ ހަރަކާތްތައް ނިންމުމަށް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދު ފުޅުއެވެ.

 

އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޯން ރޯސްލޭ، އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު ކާޒީ ޑިންސްމޯ، އަދި ބޭރު ބައެއް ގައުމުތަކުގެ ގާނޫނު ތަންފީޒްކުރާ އިދާރާތަކާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އެހެނިހެން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
 

މިރަސްމިއްޔާތުގައި  ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ މި އަހަރުގެ ޝިއާރު "އެމްބްރޭސިންގ އިކުއިޓީ" އަކީ ހާއްސަކޮށް ގާނޫނު ތަންފީޒުކުރުމުގައި އަންހެން ފުލުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅުންހުރި ރަމްޒީ އެއްޗެއްކަމަށެވެ. މިގޮތުން މި ދާއިރާގެ ހުރަސްތަކާއި ގޮންޖެހުންތަކާ އެކުވެސް، ދިވެހި އަންހެނުން ދަނީ މިފަދަ ހުރަސްތަކުން އަރައިގަނެ، ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއަކީ ފިރިހެނުންނަށް ހާއްސަ ދާއިރާއެއްކަމަށް ޒަމާނުއްސުރެ ގަބޫލުކުރެވިފައިވާ ގަބޫލުކުރުންތައް ނައްތައިލުމަށް މަސައްކަތްކުރަމުންކަމަށް ވިދާޅުވިއެވެ.

 

އަދި ލީޑަޝިޕް ރޯލުތަކުގައި އަންހެނުން ތަމްސީލު ނުކުރުމަކީ ކަންބޮޑުވާންވީ ކަމެއްކަމަށާއި، ތަފާތުކުރުމާއި، ނިޒާމީ ޖިންސީ ތަފާތުކުރުމާއި، އުނދަގޫ ކުރުމަކީ ކަންބޮޑުވާންޖެހޭ ވަރުގެ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ހަމަހަމަކަން ހޯދުމަށްޓަކައި ފުރަތަމަ ހަމަހަމަކަން ގަބޫލުކޮށް، އަންހެނުންގެ ހާލަތާއި ތަޖުރިބާތަކުގެ ތަފާތުތައް ދެނެގަންނަންޖެހޭ ކަމަށާއި، އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭ ތަމްރީނު ޕްރޮގްރާމްތަކާއި، މެންޓަރިންގ ފުރުސަތުތަކާ، ނުވަތަ ސިޔާސަތަށް ބަދަލު ގެނައުމަށް އެއްބައިވަންތަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

 

އޭގެ އިތުރުން، މިދިޔަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތުން އުފެއްދި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ އަކީ އަންހެނުންނަށް އެ މީހުންގެ ހިޔާލާއި، ކަންބޮޑުވުންތައް ހިއްސާކުރެވޭނެފަދަ ނެޓްވޯކެއްކަމަށާއި، މި ނެޓްވޯކަކީ އޯގަނައިޒޭޝަންގެ ތެރޭގައި މިބާވަތުގެ ފުރަތަމަ ނެޓްވޯކަށް ވެފައި ޚިދުމަތުގެ ހުރިހާ ފެންވަރެއްގެ އަންހެނުން ހިމެނޭ ނެޓްވޯކެއް ކަމަށް ފާހަގަކުރެއްވިއެވެ. އަދި މިހާކުރު މުއްދަތެއްގެ ތެރޭގައި މި ނެޓްވޯކް، އޯގަނައިޒޭޝަނަލް އިސްކަންދޭ ކަންކަމާއި މަގުސަދުތައް އެކުލަވާލުމުގައި މުހިންމު ރޯލެއް އަދާކުރަމުންދާ ކަމަށް ވިދާޅުވިއެވެ. 

 

އަދި އިނގިރޭސިވިލާތުގެ ސަރުކާރުގެ އެހީތެރިކަމާއެކު 2022 ވަނަ އަހަރު ފެށި ''ވިމެން އިން ލޯ އެންފޯސްމަންޓް ސެމިނަރ'' އަކީ މި މަގުސަދު ހާސިލުކުރުމަށް ލިބުނު މުހިންމު ބާރެއްކަމަށާއި، މި ސެމިނަރގައި  ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ލަފާތައް އަމަލީ ގޮތުން ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވައުދުވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް  އެ ފަރާތްތަކާއެކު މި ޕާޓްނަރޝިޕް ކުރިއަށް ގެންދިއުމަށް އުންމީދުކުރައްވާކަމުގައިވެސް ވިދާޅުވިއެވެ. އަދި ހަމައެހެންމެ މަސައްކަތުގެ މާހައުލުގައި ތަފާތުކުރުން ނައްތައިލާ ސަގާފަތެއް އުފެއްދުމަށްޓަކައި އަމިއްލައަށް ޖަވާބުދާރީވުމުގެ އިތުރުން، ގާނޫނު ތަންފީޒުކުރުމުގައި އަންހެނުންގެ ކުރިއެރުމަށް ހުރަސްއެޅިފައިވާ ނިޒާމީ ހުރަސްތައް ނައްތާލުމަށް ގުޅިގެން މަސައްކަތްކުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ.

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ މި މަހު 7 އިން 8 އަށް ވިލިމާލޭގައާއި ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.

 

އެގޮތުން، ވިލިމާލޭގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެ ހަރަކާތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް، އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުން ހިމެނޭހެން 130 މުވައްޒަފުން ބައިވެރިވިއެވެ