ޚަބަރު

މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި

13 މާޗް 2023

އެކި މައްސަަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ނ. މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ.

 

އިއްޔެ ނައްތައިލާފައިވަނީ 197 ފުޅި ބަނގުރާ އަދި 91 ދަޅު ބިޔަރެވެ. މިތަކެއްޗަކީ 2022 ޑިސެމްބަރ 1 އިން މިއަހަރުގެ މާރިޗު 1 އަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

 

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.