ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ތުލުސްދޫން މީހަކު ހައްޔަރުކޮށްފި

14 މާޗް 2023

މާލެއިން ތުލުސްދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެއޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

 

މާރިޗު 12 ވަނަ ދުވަހުގެ ރޭ ތުލުސްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރުމަތިން 31 އަހަރުގެ ބިދޭސީ ފިރިހެނަކު ހުއްޓުވައި ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފަސްކުރުމުގެ ތެރެއިން، އޭނާ ގެންގުޅުނު ފޮށިގަނޑެއް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވެއެވެ.

 

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

މި މައްސަލަ ތުލުސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.