ޚަބަރު

ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ޚިދުމަތްތައް އައު އިމާރާތަކަށް ބަދަލުކޮށް، ރަސްމީކޮށް ހުޅުވައިފި

16 މާޗް 2023

މާލެހިޔާގައި ދެމުންދިޔަ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ޚިދުމަތް، ކުރިން އެންސްޕާ ހިންގި އިމާރާތަށް ބަދަލުކޮށް, އެއިމާރާތް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.

 

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގަލޮޅު ޕޮލިސް ސްޓޭޝަނުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު އާއި ފުލުހުންގެ އެގެޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން އަދި ގަލޮޅު ޕޮލިސް ސްޓޭޝަނުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ކުރިން އެންސްޕާ ހިންގި އިމާރާތް ގަަލޮޅު ޕޮލިސް ސްޓޭޝަން ހިންގުމަށް ހަމަޖެއްސީ މާލެހިޔާގައި ހިންގަމުން ދިޔަ ގަލޮޅު ޕޮލިސް އިމާރާތް ވަރަށް ބޮޑަށް ބައުވެ، އެތަނަކީ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަށް އެކަށީގެންވާ ތަނަކަށް ނުވާތީ، ގަަލޮޅު ޕޮލިސް ހިންގުމަށް މާލެއިން އެކަށީގެންވާ އިމާރާތެއް ހޯދުމަށް އިއުލާނުކުރުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިންނެވެ. މި އިމާރާތް ކުއްޔަށް ހިފާފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތަށެވެ.

 

މި އިމާރާތުގައި ފުލުހުންގެ ޚިދުމަތްދޭން ފެށުމުން ގަލޮޅު ޕޮލިސްގެ ރެސްޕޯންސް އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުން އަދި ނެއިބަރހުޑް އޮފިސަރުން އެެއް އިމާރާތަކުން މަސައްކަތްކުރަންވަނީ ފަށާފައެވެ. މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމެކެވެ.

މީގެ ކުރިން މާފަންނު ޕޮލިސްވެސް ވާނީ މި މޮޑެލްއަށް ބަދަލުކޮށް، މަސައްކަތްކުރަމުން ދިޔަ އިމާރާތް މާފަންނު ވެސްޓްޕާކު ސަރަހައްދުގައި ހުރި އިމާރާތަށް ބަދަލުކޮށްފައެވެ.