ޚަބަރު

ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި މާހެފުން ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

20 މާޗް 2023

ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި މާހެފުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުވެރިކޮށްދެއްވައިފިއެވެ. 

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މާހެފުމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ނައިބް ރައީސް ފައިސަލް ނަސީމް، ކޮަމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ނަޒީރު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުހައްމަދު ފުޅު، މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު، އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން، ޕޮލިސް ބޯޑުގެ ޗެއަރ ރިޓަޔާޑް އަޙްމަދު ފަސީހް ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވިއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.

ހަފުލާ ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ރަމަޟާން މަހުގެ ތަހުނިޔާ ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް އަރިސްކުރެއްވިއެވެ. އަދި ރަމަޟާންމަހު މަގުމައްޗަށް އަންނަ ހަލަބޮލިކަމާއި ބައެއް ފަރާތްތަކުންކުރާ ނޭދެވޭ ބައެއް އަމަލުތައް އިތުރުވެގެންދާ ވަގުތުތަކަށް ފުލުހުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރެއްވިއެވެ.

އޭގެ އިތުރުން، މުޖުތަމައުގެ އަމަންއަމާންކަން ގާއިމުކުރުމަށް މިހާރުވެސް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ގާނޫނު ތަންފީޒުކޮށް ގާނޫނާ އެއްގޮތަށް އަމަލުކުރުމުގައި ފަސްނުޖެހި މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.