ޚަބަރު

ރައްކާ ކެމްޕެއިންގެ ފަހިރާސްތާ ޕްރޮގްރާމް ފަށައިފި

23 މާޗް 2023

މަގު ބޭނުންކުރާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށާއި، މަގުމަތީގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ''ރައްކާ ކެމްޕެއިން'' ގެ ފަހިރާސްތާ ޕްރޮގްރާމް ފަށއިފިއެވެ.

 

ހުޅުމާލޭގައި އިއްޔެ މި ޕްރޮގްރާމް ފައްޓަވައިދެއްވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާޠިފްއެވެ. މި ޕްރޮގްރާމްގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ، ޝީޝާ މޯލްޑިވްސް، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް އަދި ރެޑް ކްރެސެންޓުގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.

މި ޕްރޮގްރާމްގެ ދަށުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ރަމަޟާން މަހު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ހައިވޭގެ ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި ޗެކް ޕޮއިންޓު ބަހައްޓައި އުޅަނދުތައް ހުއްޓުވައި ބަލާފަައިވެއެވެ. އެގޮތުން ހުއްޓުވި އުޅަނދުތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވި މީހުންނަށް ޕެޓްރޯލް ގިފްޓް ވައުޗަރާއި އުޅަނދު ދޮވުމުގެ ގިފްޓް ވައުޗަރ އަދި ރައްކާތެރި ހެލްމެޓު ހަދިޔާކޮށްފައިވެއެވެ. ރަމަޟާން މަހުގެ ނިޔަލަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

 

އޭގެ އިތުރުން، އެކްސިޑެންޓުވާ މީހާއަށް އެހީތެރިވާނެގޮތުގެ ސިނާރިއޯއެއް ރެޑް ކްރެސެންޓުގެ ފަރާތުން ކުރިއަށް ގެންގޮސްފައިވެއެވެ.

ފަހިރާސްތާ ޕްރޮގްރާމްގެ ދަށުން، ސްކޫލުތަކުގެ ދަރިވަރުންނަށާއި އޮފީސްތަކުގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި މަގުމަތީގައި ހުރި ޓްރެފިކް ނިޝާން ބޯޑުތައް ރަނގަޅުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ބިލްބޯޑުތައް މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.

 

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރޯޑް ޕޮލިސް، އެޗްޑީސީ، ޝީޝާ އަދި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ގުޅިގެންނެވެ.