ޚަބަރު

ފުލުހުންގެ ޚިދުމަތަށް ނުވަ ދަހަރު މާދަމާ ފުރޭނެ – ފުލުހުންގެ ޓެކްނޮލޮޖީއަށް ނަޒަރެއް (ފުރަތަމަބައި)

28 މާޗް 2023

ދިވެހި ފުލުހުންގެ ތާރީހަކީ އެވޭލާ ޒަމާނުގެ ތާރީހެކޭ އެއްގޮތަށް މާ ސާފުނޫން ދުންފިނީގެ ނޭނގުމާއި އަނދިރިކަމުގެ ތެރެއަށްގޮސް ހަނދާނުން ފޮހެވި ލޮލުގެ ފެނުމަށް އޮބާފައިވާ ތާރީހެކެވެ. ޒަމާންތައް ބަދަލުވަމުން ދިޔަވަރަކަށް ދުނިޔެއަށް އަންނަމުންދިޔަ ތަރައްގީއާއި ތަހުޒީބުގެ ތެރެއަށް ދިވެހިންގެ ލޯހުޅުވެމުން ދިޔުމުގެ ނަތީޖާއަކަށްވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުންގެ ރަސްކަމުގައި ދިވެހިރާއްޖެއަށް ލިޔެވިގެންވާ ދުސްތޫރީ ހުކޫމަތެއް ލިބިގެން ދިޔައުމެވެ. 1932 ޑިސެންބަރު 22 ވަނަ ދުވަހު ވުޖޫދަށް އައި މި ގާނޫނުއަސާސީގެ ދަށުން (މާލޭގައި ފުލުހުން ބޭތިއްބުމާބެހޭ ގާނޫނު) އެކުލަވާލައި، ކީރިތި މަހާރަދުންގެ އަރިހަށް ހުށަހެޅުމުން، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު މި ގާނޫނު ތަސްދީގުކުރައްވައި ފުލުހުންގެ ޚިދުމަތް 1933 މާރިޗު 29 ވަނަދުވަހު ރަސްމީކޮށް ފެށިގެން ދިޔައެވެ.

 

އެ ޒަމާނަކީ ރާއްޖެ މިއަދު މިދެކޭ ފަދަ ޓެކްނޮލޮޖީ ދުށް ޒަމާނެއް ނޫނެވެ. ނަމަވެސް، އޭރުވެސް ފުލުހުން ދިޔައީ މުއާސަލާތު ކުރަމުންނެވެ. އޭރު ކޮންމެކަމަކަށް ވެސް ވަކި ގަޑިތަކެއް ނުވަތަ ވަކި ގޮތްތަކެއް ކަނޑައަޅައި މާލޭގެ ހަތަރު އަވަށު ފުލުހުން އެ ފުލުހުން ނިސްބަތްވާ އަވަށު މައިޒާންތަކަށް ގޮސް އަނގަބަހުން މުއާމަލާތު ކުރަމުންދާނެ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ.

 

ފުލުހުންގެ ޚިދުމަތް ފެށިގެން އައީ މާލޭގެ އޭރު އޮތް ހަތަރު އަވަށުން މީސްކޮޅެއް ހޮވާލައިގެންނެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ފުލުހުންގެ ފައުޖުގައި ހިމެނުނީ 120 ފުލުހުންނެވެ. އޭރު ފުލުހުން އެންމެ ބޮޑު އިސްކަމެއްދޭން ޖެހިފައި އޮތީ ރައްޔިތުންނަށް ރައްކާތެރިކަން ލިބިދިނުމަށެވެ. ރަށުތެރޭގެ އަމަން ބެލެހެއްޓުމަށެވެ. މިގޮތުން، މާލޭގެ ހަތަރު އަވަށާއި، ބާޒާރުގައި ފޯރިމެރުމާއި، ބަޔަކު ކުށެއް ކުރަނިކޮށް ފެނިއްޖެނަމަ އެބަޔަކު ވެރިންނާ ހަމަޔަށް ގެންގޮސް ރިޕޯޓުކުރަން ޖެހެއެވެ. މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށް، ބޮޑެތި ޖަރީމާތައް ހިންގުމުގެ މަގުތައް ބަންދުކޮށް، އެފަދަ ކަންކަމުން ރައްޔިތުން ދުރުހެލި ކުރަންޖެހެއެވެ. އަދި މިފަދަ ކަންކަންކުރާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހެއެވެ. ކަންމިހެން އޮތްއިރު، އޭރު މި ފުލުހުން މަގުމަތީގައި ޑިއުޓީ ކުރަމުން ދިޔައީ ފައިމަގުގައެވެ. ހުދުލިބާހާއި މުންޑުލައި އުނަގަނޑުގައި ކަމަރެއް އަޅައި ބޮލުގައި ކަޅު ތާކިހަލެއް އަޅައިގެންނެވެ. ޑިއުޓީއަށް ނުކުތުމުން އަތުގައި މުގުރު ބުރިއެއް އޮންނައިރު، މުއާސަލާތު ކުރުމަށް ތުމުން ފުމޭ ކަށިގަނޑެއް ދީފައި އޮވެއެވެ. މިގޮތަށް މާލޭގެ ކޮންމެ އަވަށެއްގައި ދަންފަޅި ބަހައިގެން ފުލުހުން ޑިއުޓީ ކުރަމުންދާއިރު، ޑިއުޓީގައި އުޅޭ ފުލުހަކަށް މަގުމަތީގައި ހާދިސާއެއް ހިނގައިގެން އުޅޭތަން ފެނިއްޖެނަމަ އަތުގައި އޮންނަ ކަށިގަނޑުން ފުމެން ފަށާނެއެވެ. މި ކަށިގަނޑުގެ އަޑު އިވުމާއެކު އެ އަވަށެއްގެ ފުލުހުން އެ އަޑަށް ލަސްނުވެ އެ ތަނަކަށް ދާނެއެވެ.

މިފަދަ ގޮތަކަށް ފުލުހުންގެ ޚިދުމަތް ދޭންފެށި ނަމަވެސް، ތަހުޒީބުވަމުން އަންނަ މުޖުތަމައާ އެއްގޮތަށް އޭރުވެސް ފުލުހުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ފުލުހުންގެ ތާރީހުން އެނގެން އޮތް ގޮތުގައި، 1970 ގެ އަހަރުތަކުގެ ތެރޭގައިވެސް ފުލުހުން ރަށުތެރެ ބަލަހައްޓައި، ފޯރިމަރައި އުޅުނީ ފައިމަގުގައެވެ. ނަމަވެސް އެ ދުވަސްވަރަކީ އެއްތަނުން އަނެއްތަނަށް ދިއުމުގައި ބައިސްކަލު ބޭނުންކުރަންފެށި ދުވަސްވަރަކަށް ވުމާއެކު އަމިއްލަ ބައިސްކަލެއް ހުރި މީހަކުނަމަ އެ ބައިސްކަލެއްގައި ޑިއުޓީއަށް ނުކުމެ ރަށުތެރެ ބަލަހައްޓަމުންދިޔައެވެ. ބައެއް ފަހަރަށް ފޯރިއަށް ހުންނަންޖެހޭ ތަނަށް ސިފައިންގެ ބަހުގައިވެސް ގެންގޮސްދީ ހަދައެވެ. މި ދެންނެވި ދުވަސް ވަރު ފައިމަގުގައި ޕެޓްރޯލުކޮށް ރަށުތެރެ ބެލެހެއްޓުން މަޑުމަޑުން ނިމުމަކަށް އަންނަން ފެށިއެވެ. މިގޮތުން 1978 ވަނަ އަހަރުން ފެށިގެން ސިފައިންނަށް ރަސްމީކޮށް ބައިސްކަލު ދޫކުރަންފެށިއެވެ. މި ބަދަލާއެކު ފުލުހުންގެ ޑިއުޓީތަކުގައި ބައިސްކަލު ބޭނުންކުރަން އާންމުވާން ފެށިއެވެ.

 

ފުލުހުންގެ ޚިދުމަތް ފެށިގެން އައި ދުވަސްވަރު މުއާސަލާތު ކުރުމުގައި ތުނބުން ފުމޭ ކަށިގަނޑު ބޭނުން ކުރަމުންއައި އައުން 1980 ގެ އަހަރުތަކުގެ ތެރޭގައި ނިމުމަކަށްއައެވެ. މި ގޮތުން 1980 ގެ އަހަރުތަކުގެ ތެރޭގައި ޑިއުޓީތަކުގައި ފުލުހުން މުއާސަލާތު ކުރުމުގައި މޮޓޮރޮއްލާ ޓޯކީ، އޭރުގެ ނަމުން ނަމަ ''ބޮޑު ޓޯކީ'' ބޭނުންކުރަން ފެށިއެވެ. މި ޓޯކީ އަކީ ހިފާ ގެންގުޅެން ބަރު، ބޮޑު ޓޯކީއެއް ނަމަވެސް، މި ޓޯކީގެ ޒަރީއާއިން މުއާސަލާތުކޮށް، ކުށެއް ހިންގާނަމަ އެ ވެއްޓެކަށް ނުވަތަ އެ ސަރަހައްދަކަށް ފުލުހުން ދިއުމުގައި އަވަސްވެގެން ދިޔައެވެ. އަދި ހަމަ މި ދުވަސްވަރު ދިރާގުން ޕޭޖަރުގެ ޚިދުމަތް ތައާރަފުކުރުމާއެކު ފުލުހުން ސިފައިންނެކޭ އެއްފަދައިން ފުލުހުންގެ ކޮމިޝަންޑު އޮފިސަރުން ރަސްމީ ކަންކަމުގައި ޕޭޖަރުން މުއާސަލާތުކުރަން ފެށިއެވެ. ނަމަވެސް 1995 ވަނަ އަހަރު މޮޓޮރެއްލާ ކުދި ޓޯކީ ފުލުހުންނަށް ލިބިގެންދިޔައެވެ. އޭގެ އަހަރުތަކެއް ފަހުން 2002 ވަނަ އަހަރު ވެގެން ދިޔައީ އައު ކުދި ޓޯކީ ސެޓުތަކެއް ފުލުހުންނަށް ލިބިގެން ދިޔަ އަހަރަކަށެވެ. މި ދެންނެވި ޓޯކީ ސެޓުތަކާއި މޮޓޮރެއްލާ ކުދި ޓޯކީތަކާއެކު އެކި ދުވަސްވަރު މަތިން މުއާސަލާތު ކުރުމަށް މި ބްރޭންޑުގެ ތަފާތު ޓޯކީތައް ފުލުހުން ބޭނުން ކުރަމުން ދިޔައެވެ.

 

ދުވަސްތައް މާޒީވެގޮސް، 2004 ސެޕްޓެންބަރު 1 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވެގެންދިއުމާއެކު ޒަމާނީ ޓެކްނޮލޮޖީއާ ރަހުމަތްތެރި ބަޔަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ވެގެންދިޔައެވެ. ކުރިއަރަމުން އަންނަ ގައުމުތަކެކޭ އެއްފަދައިން ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ފުލުހުންގެ ޓެކްނޮލޮޖީ ނެޓްވޯކް ފުޅާކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ދަށުންހިނގާ ހުރިހާ ޑިޕާޓްމަންޓުތަކެއް ކޮމްޕިއުޓަރ ވިއުގައަކުން ގުޅާލެވުނެވެ. އަދި 2008 މާރިޗު 29 ވަނަ ދުވަހު ފުލުހުންގެ ހެޑް އޮފީހާއި އޭރު ރާއްޖޭގެ އަތޮޅުތަކުގައި ގާއިމުކުރެވިފައިވާ 39 ޕޮލިސް ސްޓޭޝަން އިންޓްރާނެޓް މެދުވެރިކޮށް ގުޅުވާލިއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ ޕޮލިސް ޑެސްކުތަކާއި ޕޮލިސް ޕޯސްޓުތައް ހިމެނޭ ގޮތަށް ޖުމްލަ 118 ޕޮލިސް ސްޓޭޝަނެއް ވިއުގައަކުން މިވަނީ ގުޅިލާމެހިފައެވެ.

ފުލުހުންގެ ރޭޑިއޯ ކޮމިއުނިކޭޝަންގެ ޚިދުމަތް ފުޅާވެގެން ދިޔައެވެ. އެގޮތުން ކުރިން ބޭނުންކުރަމުން ގެންދިޔަ އެނަލޮގް ރޭޑިއޯ ސިސްޓަމް ދޫކޮށް މިހާރު ވަނީ ޓެޓްރާ ނެޓްވޯކެއް ގާއިމުކޮށް ރާއްޖޭގެ ހުރިހާ އަތޮޅެއް ގިރާކޮށްފައެވެ. މި ސިސްޓަމަކީ ގުދުރަތީގޮތުން ދިމާވާ ބޮޑެތި ކާރިސާތަކުގައިވެސް ބެކަޕް ނެޓްވޯކެއްގެ ގޮތުގައި ބޭނުންކުރެވޭ ނެޓްވޯކެކެވެ. މި ނެޓްވޯކުގައި ބޭނުންކުރާ ޓޯކީތަކުން އެއް ޓޯކީން އަނެއް ޓޯކީއަށް އެސް.އެމް.އެސް ފޮނުވުމުގެ ގާބިލުކަން ލިބިފައިވެއެވެ. އަދި ފޯނުން މިޓޯކީތަކަށް ޑައިރެކްޓްކޮށް ގުޅާލުމުގެ ފަސޭހަކަން ވެސް ޓެޓްރާ ނެޓްވޯކުން މިހާރު ވަނީ ލިބިފައެވެ. މި ޓޯކީތަކުގައިވާ ޖީ.ޕީ.އެސްގެ ޒަރީއާއިން، މި ޓޯކީތައް ގެންގުޅޭ ހިސާބުތައް ބަލައިލެވޭނެއެވެ.

 

މިއަދު ދިވެހި ފުލުހުން ކާރާއި ސައިކަލުގައި މުޅި ރާއްޖެ ހިމެނޭހެން ހުރިހާ އަތޮޅެއްގެ ރަށްރަށުގެ އަމާންކަން ބަލަހައްޓަމުން ދިޔަ ނަމަވެސް، މިއަދު ފުލުހުންގެ ޓެކްނޮލޮޖީ ފުޅާވެގެން ގޮސްފައިވަނީ މުޅި އޭޝިއާ ސަރަހައްދުގެ ފުލުހުން ވެސް ބޭނުން ނުކުރާހާ ފުޅާ ދާއިރާއެއްގައެވެ. މިގޮތުން މުޅި ރާއްޖޭގައި 58 އައި.ޕީ ކެމެރާ ބެހެއްޓުމުގެ މަޝްރޫއާއި އިތުރު 30 ކެމެރާ ވަޔަރލެސްކޮށް ހަރުކުރުން ވެގެންދިޔައީ މި ޚިދުމަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

 

މީގެ އިތުރުން މާލޭގައި ހުރި ބޮޑެތި އިމާރާތްތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ނެޓްވޯކް އެއް ވިއުގަރއަކުން ގުޅާލުން ވެގެންދިޔައީ، މިތަންތަނުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަވެގެންދިޔަ ކަމަކަށެވެ. މިގޮތުން މިހާރު މާލޭގެ އިތުރުން އާބާދީ ބޮޑެތި ސިޓީތަކާއި ރަށްރަށުގައިވެސް ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށް ޚިދުމަތްދޭން ވަނީފަށާފައެވެ. މި ޚިދުމަތްތަކަކީ އާންމުން އިތުބާރުކުރާ އަދި ބަލައިގަންނަ ޚިދުމަތްތަކަކަށް ވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތް ސުޕަވައިޒްކުރުމުގެ އިތުރު ފަސޭހަތަކެއް ލިބިގެންދިޔަ ކަމަކަށެވެ. (ނުނިމޭ)