ޚަބަރު

ފުލުހުންގެ ޚިދުމަތުގެ ނުވަ ދަހަރު – ފުލުހުންގެ ޓެކްނޮލޮޖީއަށް ނަޒަރެއް (ފަހުބައި)

29 މާޗް 2023

މާލެއާއި އަތޮޅުތެރޭގައި ސީ.ސީ.ޓީ.ވީ ކެމެރާތައް ހަރުކޮށް ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރާ ގުޅުވާލައި އެކިއެކި އެޕްލިކޭޝަން މެދުވެރިކޮށް، މުޖުތަމައުގައި ހިނގާ ހަރަކާތްތައް ދެނެގަނެވި ފުލުހުންގެ ތަހުގީގަށް މިކަމުގެ ސަބަބުން ދަނީ ކުރިއެރުންތައް ލިބެމުންނެވެ. މި އެޕްލިކޭޝަން ސޮފްޓްވެއަރތަކުގެ ސަބަބުން މިއަދު ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނާ އެއްގޮތަށް ތަރައްގީކުރެވި، ޚިދުމަތް ފޯރުކޮށްދިނުމަށް ހެޔޮ ބަދަލުތަކެއްވަނީ ގެނެސްފައެވެ.

 

މިގޮތުން ޕޮލިސް އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް ސޮފްޓްވެއަރއަކީ އޭގައި ވަރަށް ގިނަ ސިފަތަކެއްއެކުލެވިގެންވާ ސޮފްޓްވެއަރ އެކެވެ. ޕޮލިސް ސްޓޭޝަންތަކަށް އެކިއެކި ކަންކަމުގައި އަންނަ މީހުންނާއި އެ މީހުންނަށް ޚިދުމަތްދިިނުމަށް ނެގި ވަގުތާއި މައްސަލައެއް ހުށަހެޅުނު ހިސާބުން ފެށިގެން އެ މައްސަލައިގައި މީހަކު ހައްޔަރުކުރުމއި ތަހުގީގުކުރުމާއި މައްސަލަ ޕްރޮސިކިއުޓަރަ ޖެނެރަލް އޮފީހަށް ފޮނުވައި އަދި ކޯޓުންކުރާ ހުުކުމާ ހަމައަށް ހިނގާ ހުރިހާ ކަމެއްގެ މައުލޫމާތު މި ސޮފްޓްވެއަރއިން ދެނެގަނެވޭނެއެވެ. ހިއުމަން ރިސޯސް މެނޭޖްމަންޓް ސިސްޓަމްސޮފްޓްވެއަރއަކީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތު ލިބެން ހުންނަ ސޮފްޓްވެއަރއެކެވެ. މީގެއިތުރުން ޕޮލިސް އެންޓްރީ މެނޭޖްމަންޓް ސިސްޓަމް ސޮފްޓްވެއަރއިން ފުލުހުންގެ ޚިދުމަތުން އެންޓްރީ ކުރެވޭ ހުރިހާ ލިޔެކިޔުންތައް ކޮމްޕިއުޓަރައިޒް ކުރެވި އެ ލިޔުންތަކުގެ ޕީ.ޑީ.އެފް ސޮފްޓް ކޮޕީއަކާއެކު ރެކޯޑް ކުރެވޭނެއެވެ.

 

މާލޭ ކަސްޓޯޑިއަލް، އަދި ދޫނިދޫ އެރެސްޓޭޝަން ސިސްޓަމް ސޮފްޓްވެއަރ އަކީވެސް ވަރަށް މުހިންމު ސިފަތަކެއް އޭގައި އެކުލެވިފައިވާ ސޮފްޓްވެއަރއެކެވެ. މީހަކު ހައްޔަރުކުރެވުނު ހިސާބުން ފެށިގެން އެ މީހާ ދޫކޮށްލުމާ ހަމަޔަށް ކުރެވުނު ހުރިހާ މުއާމަލާތުތައް މި ސޮފްޓްވެއަރ ގައި ރެކޯޑު ކުރެވިފައި ހުންނާނެއެވެ. މީގެ އިތުރުންވެސް ތަފާތު ގިނަ ކުދިކުދި ސޮފްޓްވެއަރތައް ފުލުހުންގެ ޚިދުމަތުން މިހާރު ބޭނުންކުރަމުން ގެންދެއެވެ.

މި ސޮފްޓުވެއަރތަކުގެ ވާހަކަ މިއަދު އަޅުގަނޑުމެން ދައްކަމުންދާއިރު، މި އަހަރުގެ ފެބުރުވަރީ މަހުގެ 13 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތުން މިވަނީ ބޮޑީ ވޯން ކެމެރާ ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ. މި ކެމެރާގެ މަގުސަދަކީ ކެމެރާ ބޭނުންކުރުމުގެ ތެރެއިން ފުލުހުންނާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ހެކި އަދި ގަރީނާ ލިބުން އިތުރުވާނެ އިންތިޒާމުތައް ހަމަޖެއްސުމެވެ. އަދި ފުލުހުންނާ މެދު ކުރެވޭ ޝަކުވާތަކާއި ތުހުމަތުތައް މަދުކޮށް، އެފަދަ ޝަކުވާއެއް ނުވަތަ ތުހުމަތެއް ކުރެވޭ ހާލަތުގައި އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީވުމުގައި މިކެމެރާގެ ސަބަބުން އެދެވޭ ހައްލެއް ލިބިގެންދާނެއެވެ.

 

ޓެކްނޮލޮޖީގެ މި ހުރިހާ ވަސީލަތްތަކެއްގެ އެހީގައި ދިވެހި ފުލުހުންގެ ޚިދުމަތްމިވަނީ ކުރިއަރާފައެވެ. ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ޓެކްނޮލޮޖީގެ މިހުރިހާ ވަސީލަތްތަކެއް މެދުވެރިކޮށް މިއަދު މުޖުތަމައުގައި ހިނގާ އެކިއެކި ހާދިސާތައް ވަގުތުން ވަގުތައް ބަލާލެވޭނެއެވެ. ސްމާޓް ފޯނުތަކަށް ހާއްސަކޮށްގެންވެސް ވަނީ ސޮފްޓްވެއަރއެއް އުފައްދާފައެވެ. އަދި ފުލުހުންގެ އިދާރީ ކަންކަމުގައި ފުލުހުންގެ އިންޓްރާނެޓް މެދުވެރިކޮށް ކުރާ ރިކުއެސްޓުތަކަށް އެ މުވައްޒަފެއްގެ ފޯނަށް 119 މެދުވެރިކޮށް މެސެޖު ލިބިގެން ދާނެއެވެ.

ސައިންސާއި ޓެކްނޮޮލޮޖީ ގުޅިލާމެހިފައިވާ މި ޒަމާނުގައި ދިވެހި ފުލުހުންގެ ފޮރެންސިކް ޚިދުމަތްތަކަކީ ވެސް މިއަދު ކުރިއަރަމުން އަންނަ ޚިދުމަތެކެވެ. މިގޮތުން 1981 ވަނަ އަހަރު ފޮރެންސިކް ސައިންސް ދިވެހި ފުލުހުންގެ ތަހުގީގުގައި ބޭނުންކުރަން ފެށިގެން އައި ދުވަސްވަރު މަސްތުވާތަކެތި ހުރިކަން ބެލުމަށް، ޔޫރިން ޓެސްޓްކުރުމަށް ބޭނުންކުރަނީ ދެ ޓެސްޓްޓިއުބު ލެއްވޭ "ފޮޓޯ މީޓަރ" ނަމަކަށްކިޔާ މެޝިނެކެވެ. ފިންގަރ ޕްރިންޓްވެސް ދެނެގަންނަނީ މެނުއަލްކޮށް ބޮޑުވާ ބިއްލޫރި ބޭނުންކޮށްގެންނެވެ. ފިންގަރޕްރިންޓަކީ ޚާއްސަކޮށް ވައްކަމުގެ މައްސަލަތައް ހައްލުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މިގޮތުން ރާއްޖޭގެ ރަށެއްގައި ފިންގަރޕްރިންޓް ބޭނުންކޮށްގެން އެންމެ ފުރަތަމަ ވައްކަމުގެ މައްސަލައެއް ހައްލުކުރެވިފައިވަނީ 1991 ވަނަ އަހަރެވެ.

 

މިއަދު މިދެކޭ ފުލުހުންގެެ ފޮރެންސިކް ޚިދުމަތް ދުނިޔެ ގަބޫލުކުރާ ފަދަ ޚިދުމަތްތަކެއް ދޭ ތަނެއްކަން ފާހަގަކޮށް ISO ގެ ސެޓްފިކެޓް 2007 ޖަނަވަރީ 28 ވަނަ ދުވަހު ވަނީ ލިބިފައެވެ. ލިބިގެންދިޔަ މި ބޮޑު ކުރިއެރުމާއެކު މިހާރު ފުލުހުންގެ ފޮރެންސިކް މަސައްކަތްތަކަށް ހާއްސަ ލެބޯޓްރީތައް ފުލުހުންގެ ތެރޭގައި ވަނީ ގާއިމުކޮށްފައެވެ. މި ޒަމާނުގެ ތަފާތު ޓެކްނޮލޮޖީގެ އާލާތްތަކާއެކު ތަރައްގީކޮށްފައިވާ ފުލުހުންގެ ފޮރެންސިކް ލެބޯޓްރީތަކުގެ ތެރޭގައި ޑިޖިޓަލް އެވިޑެންސް ލެބޯޓްރީ، ޑީއެންއޭ ލެބޯޓްރީ، ޑްރަގު އެންޑް ކެމިކަލް ލެބޯޓްރީ، ފިންގަރ ޕްރިންޓް ލެބޯޓްރީ އަދި ފިޒިކަލް އެވިޑެންސް ލެބޯޓްރީ ހިމެނެއެވެ. މިގޮތުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކިތައް ތަހުލީލުކުރުމުގައި މި ލެބޯޓްރީތަކުން ދަނީ ރެއާއިދުވާލު ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

 

މި ދެންނެވި ޓެކްނޮލޮޖީގެ ވަސީލަތްތަކުން މިއަދު ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއަރައިދާއިރު، އެންމެ ކުޑަކުއްޖާއިން ފެށިގެން އެންމެ އުމުރުން ދުވަސްވީ މީހާވެސް މިއަދު މިކަން ހިތުގެ އަޑިން ގަބޫލުކުރެއެވެ. ފުލުހުން މިއަދު ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުމެ މިތިބީ ހިނިތުންވުމާއެކު ހިތާއިރޫހުންނެވެ. އެއްވެސް ފަސްޖެހުމެއް ނެތި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމުގައެވެ. މިއަދު މުޖުތަމައުން އަޅުގަނޑުމެންނަށް ފެނިގެންދަނީ އަޅުގަނޑުމެންގެ ތުއްތު ކުދިންގެ ހިތްތަކުގައި ފުލުހުންނަށް އޮންނަ ލޯތްބެވެ. ފުލުހަކު ޔުނީފޯމުގައި މަގުމަތިން ފެނިއްޖެނަމަ އެ ފުލުހަކާ ހަތަރުކަޅި ހަމަކޮށް ހިނިތުންވުމާއެކު ސަލާމްކޮށްލުމަކީ މިއަދު އެ ކުދިންގެ އާދައެކެވެ. އަޅުގަނޑުމެން މިއަދު ވިސްނުން ބަހައްޓަންވީ އެ ކުދިންނަކީ އަންނަން އޮތް ޖީލުކަމުގައެވެ. އަމާންކަމާއި ރައްކާތެރިކަމާއެކު މައިންބަފައިން ދަރިންގެ އަތުގައި ހިފައިގެން މިނިވަންކަމާއެކު މަގުމަތީގައި އުޅޭތަން ދުށުމަކީ އަޅުގަނޑުމެން ދިވެހި ކޮންމެ ރައްޔިތަކުވެސް ދެކެން ބޭނުންވާނެ ދުވަހެކެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެންގެ ޅަދަރިންގެ މުސްތަގުބަލާމެދުގައެވެ.

 

ނަވާރަ ސަތޭކަ ތެއްތިރީހުގައި ތުނބުންފުމޭ ކަށިގަނޑަކުން މުއާސަލާތު ކުރަން ފެށި ދިވެހި ފުލުހުންގެ ޚިދުމަތް މިއަދު މިވަނީ ޒަމާނާ އެއްގޮތަށް ބައްޓަންވެ ނުވަ ދަހަރަ ކަޑައްތުކޮށްފައެވެ. އެހެންކަމުން ފުލުހުންނާއި އަންނަން އޮތް ޖީލުގެ ކުދިންނާ މެދު އޮންނަ ލޯތްބާއި އިހުތިރާމް މިއަދުގެ ޖީލުތަކުން ދުށުމަކީ ކޮންމެ ދިވެހި ދަރިއަކުވެސް ދެކެން ބޭނުންވާނެ މަންޒަރެއްކަން ޔަގީނެވެ.