ޚަބަރު

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އަހަރީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

27 މާޗް 2023

އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސިޕޯލް) އަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

 

ރޭ އެ ކޮލެޖުގައި ކުރިއަށްގެންދިޔަ ދިދަނެގުމުގެ ރަސްމިއްޔާތުގައި، އެ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އަދި ކޮލެޖުގެ ފެކަލްޓީތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. އަދި މުވައްޒަފުންނާއި ކޮލެޖުގައި މިހާރު ކުރިއަށްދާ ކޯސްތަކުގެ ޓްރެއިނަރުންނާއި ދަރިވަރުން ބައިވެރިވިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި ގާއިމުކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ހުޅުވީ 2022 މާރިޗު 27 ވަނަ ދުވަހުއެވެ. ކޮލެޖު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ހުޅުވުމަށްފަހު އެކޮލެޖުގައި ކިޔެވުންފަށައި އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހެކެވެ.

 

މީގެ އިތުރުންވެސް ފުލުހުންނަށް ހާއްސަ ތަފާތު ތަމްރީނު ކޯސްތައް ކުރިއަށް ގެންދެއެވެ. އެގޮތުން، 220 ބައިވެރިންނާއެކު ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 35 ވަނަ ބުރުވެސް ކުރިއަށް ގެންދަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައެވެ.