ޚަބަރު

ގއ. އަތޮޅުގެ ތިން ރަށަކުން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

24 އޭޕްރިލް 2023

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގއ. އަތޮޅުގެ ތިން ރަށެއްގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

 

އެގޮތުން މި އޮޕަރޭޝަންތައް ހިންގާފައިވާ ގއ. ކަނޑުހުޅުދޫ، ދެއްވަދޫ އަދި ގެމަނަފުށީގައެވެ. މި ތިން ރަށުގައި ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން  ކަނޑުހުޅުދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެމުންދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ގެމަނަފުށީ ޕޮލިސް ސްޓޭޝަނާއި ކަނޑުހުޅުދޫ ޕޮލިސް ޑެސްކު ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 41 އަހަރުގެ މީހަކު ހައްޔަރުކޮށް، އެމީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ގެމަނަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

ދެއްވަދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެޕްރީލް 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 31 އަހަރުގެ މީހަކު ހައްޔަރުކޮށް، ބަލައިފާސްކުރަން އުޅުމުން އޭނާ އެއްލާލި ކަރުދާސްކޮޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި މައްސަލާގައި ހައްޔަރުަކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

މީގެ އިތުރުން އެޕްރީލް 21 ވަނަ ދުވަހު ގެމަނަފުށީގައި ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 33 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުުރެވޭ އެއްޗެއްހުރި 5 ކަރުދާސްކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ.ގެމަނަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

 

މަސްތުވާތަކެތީގެ މި ތިން މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.