ޚަބަރު

އަމާޒަކީ، ކޮންމެ ފުލުހަކީވެސް، އެ މީހެއްގެ ޚިދުމަތުގެ ދާއިރާއާ ގުޅޭ ގޮތުން ތަޢުލީމާއި ތަމްރީން ހޯދައިގެން ޚިދުމަތް ދޭ މީހަކަށް ހެއްދެވުން - ރައީސުލްޖުމްހޫރިއްޔާ

30 އޭޕްރިލް 2023

އަމާޒަކީ، ކޮންމެ ފުލުހަކީވެސް، އެ މީހެއްގެ ޚިދުމަތުގެ ދާއިރާއާ ގުޅޭ ގޮތުން ތަޢުލީމާއި ތަމްރީން ހޯދައިގެން ޚިދުމަތް ދޭ މީހަކަށް  ހެއްދެވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅެވެއްޖެއެވެ.

 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 90 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް އައި އެންމެ މުހިއްމު ބަދަލަކީ، އަސްކަރިއްޔާގެ ތެރެއިން ނުކުމެ، މުސްތަޤިއްލު މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖެހުންކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ކޮންމެ ކޮންމެ ފުލުހަކީވެސް، އެ މީހެއްގެ ޚިދުމަތުގެ ދާއިރާއާ ގުޅޭ ގޮތުން ތަޢުލީމާއި ތަމްރީން ހޯދައިގެން ޚިދުމަތް ދޭ މީހަކަށް ހެއްދެވުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށް ވިދާޅުވިއެވެ.

 

ޒަމާނަށް އަންނަ ބަދަލުތަކާއެކު ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ފުޅާކުރެއްވުމަށް ކުރައްވަންޖެހޭ މައްސަކަތްތަކުގެ މައްޗަށް އަލި އަޅުއްވާލައްވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، ފުލުހުންގެ ހިދުމަތަކީ، ކުށުގެ ވެއްޓާއި ކުށްކުރާ ގޮތްތަކަށް އައިސްފައިވާ ބަދަލުތަކާއި ފަރުދުންގެ ވިސްނުމާއެކު އަބަދުވެސް ކުރިއަރައި ތަރައްޤީވަމުން އަންނާނެ ޚިދުމަތެއް ކަމަށާއި، އެކަމަށްޓަކައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް ތަރައްޤީކުރުމަކީ، އަބަދުވެސް ސަރުކާރުން އިސްކަން ދީގެން ދަމަހައްޓާނެ ސިޔާސަތެއް ކަމުގައެވެ.

 

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއްދެއްވައިގެން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ، 2023 ވަނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ރަށެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުންކަމުގައެވެ. މިގޮތުން މިދައުރުގެ ތެރޭގައި، މިހާތަނަށް ރާއްޖޭގެ 18 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވި 100 އަށް ވުރެ ގިނަ ރަށުގައި ނެއިބަރހުޑް ޕޮލިސިންގެ ޚިދުމަތް ދެމުންއަންނަކަން އެމަނިކުފާނު ފާހަގަފާހަގަކުރެއްވިއެވެ.

 

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދައުލަތުގެ ވަޒީރުންނާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯހާއި ދިވެހިފުލުހުންގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.