ރަސްމީ ދަތުރުފުޅެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ނ. އަތޮޅަށް ވަޑައިގެންފި
16 މެއި
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަަދު ޙަމީދު ރަސްމީ ދަތުރުފުޅެއްގައި ނ. އަތޮޅަށް ވަޑައިގަންނަވައިފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ނ. އަތޮޅަށް ކުރައްވާ ރަސްމީ މި ދަތުރުފުޅުގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލައްވައެވެ.

މި ދަތުރުފުޅުގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މިއަދު ނ. އަތޮޅު މަނަދޫއަށް ވަޑައިގެން، އެރަށު ކައުންސިލާއި އެރަށުގެ ކަމުވޮށިގެންވާ ބައެއް ފަރާތްތަކާ ބައްދަލުކުރެއްވުމުގެ އިތުރުން އެރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ ފުލުހުންނާއި އާންމު މުވައްޒަފުންނާ ބައްދަލުުރައްވާފައެވެ. އަދި ނ. މަނަދޫ / އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލަައިގެ ތަހުގީގު ކުރިއަށްދާ ގޮތް ކައިރިން ބައްލަވާލައްވާފައިވެއެވެ. އަދި ނައީމާ މޫސާގެ އާއިލާއާ ބައްދަލުކުރައްވައި، ތަހުގީގާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައިވެއެވެ.
މީގެއިތުރުން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ނ. މަނަދޫގައި އަލަށް އިމާރާތްކުރަމުންދާ ފުލުހުންގެ އައު ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ކުރަމުންދާ ސައިޓަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.