ވޯކް އެންޑް ޓޯކް ޕްރޮގްރާމް ވިލުފުށީގައި ކުރިއަށް ގެންގޮސްފި
22 މެއި 2023“ވޯކް އެންޑް ޓޯކް” ނަމުގައި ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ތ. ވިލުފުށީ ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ.
އެ ޕްރޮގްރާމްގެ ތެރެއިން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ކުށްމަދު ކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވި މަޝްވަރާކޮށްފައިވެއެވެ. އަދި ތަފާތު އެކި ކުށްތަކުން ރައްކާތެރިކުރުމަށް މައުލޫމާތުދީފައިވެއެވެ.
އެގޮތުން، މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމުގައި ރައްޔިތުންގެ ދައުރާއި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރެވިދާނެގޮތާއި މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ ކިބައިން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމާއި ވައްކަންކުރާ މީހުންނަށް ފުރުސަތުނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ރަށުގައި އާންމުކޮށް މީހުން އެއްވެ އެޅޭ ތަންނަނަށް ޒިޔާރަތްކޮށް އެތަންތަނަށް ގޮސްއުޅޭ މީހުންނާ ބައްދަލުކޮށް، އެ މީހުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަމަށް ހައްލުހޯދުމަށް މަޝްވަރާކޮށްފައިވެއެވެ.