ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެމީހުން ހައްޔަރުކޮށްފި

24 މެއި 2023

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ދެ އޮޕަރޭޝަނެއްގައި އއ. ހިމަންދޫ އަދި ގއ. ދާންދޫއިން މީހަކު ހައްޔަރުކޮށްފިއެވެ

 

މަސްތުވާތަކެތީގެ އެ އޮޕަރޭޝަންތަކުގެ ތެރެއިން ދާންދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

 

މި މަހު 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 49 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. އިންޓެލިޖެންސާއި ދާންދޫ ޕޮލިސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ހަތަރު ދަޅު ފެނިފައިވެއެވެ.

 

ހިމަންދޫގައި ހިންގި އޮޕަރޭޝަނަކީ ހިމަންދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނެކެވެ.

 

މި މަހު 19 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާގެ ހަށިގަނޑުތެރޭގައި މަސްތުވާތަކެތި ހުރިކަަމަށް ބެލެވިގެން ގާތުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

 

އެ ދެ މީހުންވެސް ޝަރީއަށް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ