އަމާންވެށި، ށ. މިލަންދޫ – އޯގަނައިޒޭޝަނަލް ކޮލަބަރޭޝަން އެންޑް ސޯޝަލް ހަރމަނީ ފޯރަމް
08 ޖޫން 2023![](/uploads/3_f6fc6b86dd.jpg)
ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ށ. މިލަންދޫގައި މިހާރު ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމްގެ ތެރެއިން ‘’އޯގަނައިޒޭޝަނަލް ކޮލަބަރޭޝަން އެންޑް ސޯޝަލް ހަރމަނީ ފޯރަމް'' ކުރިއަށް ގެންގޮސްފިއެވެ.
އިއްޔެއާއި މިއަދު ކުރިއަށް ގެންދިޔަ މި ފޯރަމަކީ ރަށުގެ މުއައްސަސާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކަށް ހައްސަކޮށްގެން 31 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ ފޯރަމެކެވެ.
ކުށްމަދު އަމާން ރައްކާތެރި ރަށަކަށް މިލަންދޫ ހެދުމަށް ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމަށް ކުރިއަށް ގެންދިޔަ މި ފޯރަމުގައި ފުލުހުންނާއި މުއައްސަސާތައް އަދި ޖަމުއިއްޔާ ޖަމާއަތްތައް ގުޅިގެން ކުރެވިދާނެ ތަފާތު އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.
![](/uploads/11_b757ef528b.jpg)
އޭގެ އިތުރުން، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ރަނގަޅުކޮށް، އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މި ފޯރަމުގެ ތެރެއިން މަސައްކަތްކޮށްފައިވެއެވެ.
އަމާންވެށި ޕްރޮގްރާމް ކުރިއަށް ގެންދަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި، މިލަންދޫ ޕޮލިސް ސްޓޭޝަނާއި، ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކާއި، މިލަންދޫ ކައުންސިލާއި ރަށުގެ އެހެނިހެން އިދާރާތަކުގެ އިތުރުން ރަށުގެ ޖަމުއިއްޔާ ޖަމާއަތްތައް ގުޅިގެން ރައްޔިތުންގެ ބައިވެރިވުމާ އެކުގައެވެ.