މުޖުތަމައުގެ އަމާންކަން ކަށަވަރުކުރުމާއި ގާނޫނު ތަންފީޒުކުރުމަށްޓަކައި ޓެކްނޮލޮޖީގެ ދާއިރާއިން ފުލުހުން ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ ސެންޓަރެއް ހުޅުވައިފި
24 ޖުލައި 2023
ދިވެހި މުޖުތަމައުގެ އަމަންއަމާންކަން ކަށަވަރުކުރުމާއި ގާނޫނު ތަންފީޒު ކުރުމަށްޓަކައި ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ “ސެންޓަރ އޮފް އެކްސަލެންސް ފޮރ ޕަބްލިކް ސޭފްޓީ” ހުޅުވައިފިއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ޖުލައި 20 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މި ސެންޓަރ ހުޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހެޑް އޮފް ސައިބަރ ސެކިއުރިޓީ ކައުންސިލް ޑރ. މުޙައްމަދު އަލް ކުވައިތީ އާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހެޑް އޮފް ސައިބަރ ސެކިއުރިޓީ ކައުންސިލް ޑރ. މުޙައްމަދު އަލް ކުވައިތީ ދެއްކެވި ވާހަކަފުޅުގައި، ސެންޓަރ އޮފް އެކްސަލެންސް ފޮރ ޕަބްލިކް ސޭފްޓީއަކީ ދެ ގައުމުގެ މެދުގައިއޮތް ގާތްގުޅުން ރަމްޒުކޮށްދޭ ތަނެއްކަމަށާއި، މި ސެންޓަރުގެ ސަބަބުން މުޖުތަމައުގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރަށް މަގުފަހިވެގެން ދިއުމުގެ އިތުރުން، އިޖުތިމާއީ އަދި އިގްތިޞާދީ ރޮނގުންވެސް ކުރިއެރުންތައް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މި އިނޮވޭޓިވް ޓެކްނޮލޮޖީގެ ސަބަބުން ދިވެހިރާއްޖޭގެ އެކިއެކި ދާއިރާތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އިތުރަށް ހަރުދަނާކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި، މިފަދަ މަސައްކަތް ތަކުން އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ އަމާން، ރައްކާތެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަމަށް ވެގެން ދިޔުންކަން ފާހަގަކުރެއްވިއެވެ. އަދި މި އަމާޒު ހާސިލުކުރެވޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރެވިގެންކަމަށާއި ބަވަނަ ވެފައިވާ މުޖުތަމައެއްގައި ޓެކްނޮލޮޖީގެ އީޖާދުތައް ބޭނުންކުރުމަކީ ހަމައެކަނި އިސްތިރާޖީ އުކުޅެއް ނޫންކަމާއި އެއީ ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގެ ޒިންމާގެ ތެރެއިން ހިމެނިގެންދާކަމެއްކަމުގައި ދެކިލައްވާކަމަށް ވިދާޅުވިއެވެ.

ބަވަނަވެފައިވާ ދުނިޔެ އެއްގައި އެކަށީގެންވާ އަވަސް މިނެއްގައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަކީ ހައްސާސްކަމަކަށްވާއިރު، ގާނޫނު ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރާ އިދާރާއެއްގެ ހައިސިއްޔަތުން، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާނޭ ވަސީލަތްތަކާއި ގާބިލިއްޔަތުކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މި ސެންޓަރާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފަށާފައެވެ. އެގޮތުން މި ސެންޓަރަކީ އެ މަސައްކަތައް މިހާރު ލިބިފައިވާ ކުރިއެރުންތައް ދައްކުވައިދިނުމަށް ގާއިމުކޮށްފައިވާ ސެންޓަރެކެވެ.
މި ސެންޓަރުގައި ގާއިމުކޮށްފައިވާ އެކި ޕްލެޓްފޯމްތަކަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލަރނިންގ ގާބިލިއްޔަތުތައް ބޭނުންކޮށްގެން، ދިވެހި މުޖުތަމައަކީ ކުށްމަދު މުޖުތަމައަކަށް ހެދުމަށް ބޭނުންކުރެވޭނޭ ވަސީލަތްތައް ދައްކުވައިދޭނެ ޕްލެޓްފޯމްތަކެކެވެ. އެގޮތުން، ކުށުގެ މާހައުލު ދިރާސާކުރުމާއި، އެފަދަ މާހައުލުތަކުގައި ހިނގާ ކުށްތަކާއި ސެކިއުރިޓީ ރިސްކުތައް އެނަލިޓިކަލް ޓޫލްތަކުގެ އެހީގައި ދުރާލައި ދެނެގަތުމާއި، ތަހުގީގީ ގާބިލިއްޔަތުކަން އިތުރުކޮށްދިނުމުގެ އިތުރުން ސައިބަރ ތްރެޓްތައް ދެނެގަނެ، އެފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރާނޭ ބައެއް ވަސީލަތްތައް މި ސެންޓަރުން ފެނިގެންދާނެއެވެ.
ސެންޓަރ އޮފް އެކްސަލެންސް ފޮރ ޕަބްލިކް ސޭފްޓީ ވުޖޫދުކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކުންފުންޏެއްކަމަށްވާ "ޕްރީސައިޓް" އެވެ. މިކުންފުންޏަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި ބިގް ޑާޓާ އެނަލިޓިކްސްގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކުންފުންޏެކެވެ.