ފުލުހުން ބޭނުންކުރާ ސޯޝަލް މީޑިއާގެ ވަސީލަތްތައް
03 ސެޕްޓެމްބަރ 2023މިއީ ކޮންމެ މަހަކު އެއްފަހަރު ޝާއިއުކުރާ ލިޔުންތަކެކެވެ. މި ލިޔުންތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން 2023
ވަނަ އަހަރަށް ތައްޔާރުކުރި ކަލަންޑަރުގައި ހިމަނާފައިވާ، ފުލުހުންގެ އެކި ދާއިރާތަކާ ގުޅުންހުރި މައުލޫމާތު ހިިމެނޭ ލިޔުންތަކެކެވެ. މި ސިލްސިލާގެ ނުވަވަނަ ލިޔުން ހާއްސަކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރާ ސޯޝަލް މީޑިއާގެ ވަސީލަތްތަކަށެވެ.
ސޯޝަލް މީޑިއާއަކީ މައުލޫމާތު ލިބިގަތުމާއި ފޯރުކޮށްދިނުމުގެ މުހިންމު ދައުރެއް އަދާކުރާ ވަސީލަތެކެވެ. މިގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕޮލިސް މީޑިއާ ސެންޓަރަކީ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތާއި އާންމު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭނުންކުރަމުންދާ ވަސީލަތްތަކެވެ. މި މައުލޫމާތުތައް ހިއްސާކުރުމަށް ސޯޝަލް މީޑިއާގެ ތަފާތު ވަސީލަތްތައް ފުލުހުން ދަނީ ބޭނުންކުރަމުންނެވެ. އޭގެތެރޭގައި ޕޮލިސް ވެބްސައިޓް، ފޭސްބުކް، ޓްވިޓަރ، ޔޫޓިއުބް އަދި އިންސްޓަގްރާމް ފަދަ ފުލުހުންގެ ރަސްމީ އެކައުންޓުތައް ހިމެނެއެވެ.
ފުލުހުންގެ ވެބްސައިޓް
ފުލުހުންގެ ވެބްސައިޓް www.police.gov.mv އަކީ ފުލުހުންގެ ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ހަދާފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓުގެ ފީޗާސްތަކުގެ ތެރެއިން ޕޮލިސް ލައިފަކީ ޚަބަރާއި މައުލޫމާތު ފޯރުކޮށްދެމުންދާ ލިންކު ކަމަށްވާއިރު، މި ވެބްސައިޓް މެދުވެރިކޮށް އޮންލައިން ޚިދުމަތްތައް ވެސް ލިބިގެން ދެއެވެ. މިގޮތުން މައްސަލައާބެހޭ މައުލޫމާތު ހޯއްދެވުމާއި، ޕޮލިސް ސެޓިފިކެޓަށް އެދުމާއި، ޕޮލިސް ސެޓިފިކެޓް ޗެކްކުރުމާއި، ޓޯ ކުރެވިފައިވާ އުޅަނދުތަކުގެ މައުލޫމާތު ހޯދުމާއި، ޕާކިންގ ސްޓިކާ، ގެއްލިގެން ހޯދާ ފޯނާއި ސައިކަލުތަކުގެ މައުލޫމާތު ހޯދުމާއި، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބު ހޯދުން ހިމެނެއެވެ.
މީގެ އިތުރުން ކުށެއް ކުރަން އުޅޭކަން ރިޕޯޓުކުރުމާއި، ހޯދާ މީހުންގެ މައުލޫމާތާއި، ފުލުހުންނާ ގުޅޭނެ ނަންބަރުތައް ވެސް މި ވެބްސައިޓުން ލިބޭނެއެވެ. އަދި ޕޮލިސް ހޮޓްލައިން 3321212 ނުވަތަ 3322111 އަށް ގުޅައިވެސް ފުލުހުންނަށް މައްސަލަ ހުށަހެޅޭނެއެވެ. އޭގެ އިތުރުން ފުލުހުންގެ ތާރީޚާއި، ފުލުންގެ އޮނިގަނޑާއި، ފުލުހުންގެ މަރުކަޒުތަކުގެ މައުލޫމާތު ވެސް ލިބިގެންދާނެއެވެ.
ފުލުހުންގެ ވެބް ސައިޓުން އާންމުކުރާ ޚަބަރުތަކާއި މައުލޫމާތުތައް ފުލުހުންގެ ޓްވިޓަރ (މިހާރު އެކްސް)، އިންސްޓަގްރާމް, ޔޫޓިއުބް ޗެނަލް އަދި ފޭސްބުކް ޕޭޖުން އާންމުކުރަމުންދާނެއެވެ. މީގެއިތުރުން ފުލުހުން ކޮލެޖުން ހިންގާ އެންމެހާ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކުގެ މައުލޫމާތުތައް "ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ޕޭޖު (National College of Policing and Law enforcement MPS) އިން ހިއްސާކުރަމުންދާނެއެވެ.
ރައްޔިތުން ހޭލުންތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުތައް ތިރީގައިވާ ފޭސްބުކް އެކައުންޓަކުން ހިއްސާކުރަމުންދާނެއެވެ.
Crime Prevention-A Shared Responsibility،
Road Police - MPS،
Addu City Police،
ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ މެއިލް އެޑްރެހަކީ [email protected] އެވެ. ފުލުހުންގެ އެމަޖެންސީ ނަންބަރަކީ 119 އެވެ.