އިންޓަނޭޝަނަލް ޑޭ އޮފް ޕޮލިސް ކޯޕަރޭޝަން ފާހަގަކުރުން: އިންޓަޕޯލްގެ ލެގަސީ އަދި ކާމިޔާބު
07 ސެޕްޓެމްބަރ 2023
2023 ސެޕްޓެންބަރު 7 ވަނަ ދުވަހަކީ "އިންޓަނޭޝަނަލް ޑޭ އޮފް ޕޮލިސް ކޯޕަރޭޝަން" ގެ ނަމުގައި ދުވަހެއް
ފާހަގަކުރާ ފުރަތަމަ ފަހަރެވެ. އިންޓަނޭޝަނަލް ޑޭ އޮފް ޕޮލިސް ކޯޕަރޭޝަންއަކީ އެކިއެކި ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އިންޓަޕޯލް ފަދަ ބައިނަލްއަގުވަމީ ޖަމާއަތްތަކުން ގުޅިގެން ޓްރާންސްނޭޝަނަލް ކުށްތައް ހުއްޓުވުމަށް ކެނޑިނޭޅި ކުރަމުން ގެންދާ މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކޮށް އެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއެޅުމުގެ ގޮތުން ފާހަގަ ކުރެވޭ ދުވަހެކެވެ. މިދުވަސް ފާހަގަކުރުމަށް ނިންމި ނިންމުމަކީ، 2022 ނޮވެންބަރު 29 ވަނަ ދުވަހު އ.ދ. ގެ އާންމު މަޖިލީހުގެ 77 ވަނަ ބައްދަލުވުމުގައި ރާއްޖެ ހިމެނޭހެން 18 ގައުމަކުން ހުށަހެޅި ގަރާރު، 2022 ޑިސެންބަރު 16 ވަނަ ދުވަހު ފާސްވުމާ ގުޅިގެން އ.ދ. އިން ނިންމި ނިންމުމެކެވެ. މި ނިންމުމާއެކު، އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން އުފެއްދި ތާރީހުކަމަށްވާ ސެޕްޓެންބަރު 7 ވަނަ ދުވަސް، އިންޓަނޭޝަނަލް ޑޭ އޮފް ޕޮލިސް ކޯޕަރޭޝަންގެ ގޮތުގައި ފާހަގަކުރުމަށްވަނީ ހަމަޖެހިފައެވެ. އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަނަކީ އިންޓަޕޯލްގެ ނަމަށް ބަދަލުވުމުގެ ކުރިން އެ ޖަމާއަތަށް ކިޔަމުން އައި ނަމެވެ

އިންޓަޕޯލްގެ ތާރީހުގެ ތެރެއިން
އިންޓަޕޯލް ރަސްމީކޮށް ގާއިމުކޮށްފައިވަނީ 1923 ސެޕްޓެންބަރު 7 ވަނަ ދުވަހު ކަމުގައި ވިޔަސް، މި ހިޔާލުގެ ބިންގާ އެޅުނީ 1914 ވަނަ އަހަރު މޯނާކޯގައި ބޭއްވުނު އިންޓަނޭޝަނަލް ޕޮލިސް ކޮންގްރެސްގައި ކުރެވުނު މަޝްވަރާތަކުންނެވެ. ޖުމްލަ 14 ގައުމަކުން ބައިވެރިވި މި ކޮންގްރެސްގައި، 20 ވަނަ ގަރުނުގައި ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށާއި ވިޔަފާރިއަށްއައި އިންގިލާބީ ބަދަލުތަކާ ގުޅިގެން، ކުށްކުރުމުގެ ވައްޓަފާޅި ބަދަލުވަމުން ދާތީ ބައިނަލްއަގުވާމީ ފެންވަރުގައި ފުލުހުން އެކުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމަށްވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ކާމިޔާބު ތަހުގީގުތައް ހިންގައި، ކުށްވެރިން ދެނެގަނެ އަދި ކުށްވެރިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުކުރުމަށް ގައުމުތަކުގެ ފުލުހުންގެ މެދުގައި އެއްބާރުލުން އާލާކޮށް ވަރުގަދަ ކުރުމުގެ މުހިންމުކަމާމެދު ފުޅާ ދާއިރާއެއްގައިވަނީ މަޝްވަރާކޮށްފައެވެ.
ފުރަތަމަ ބޮޑުހަނގުރާމައިގެ ސަބަބުން، މި ކޮންގްރެސްގައި ކޮށްފައިވާ މަޝްވަރާތަކަށް އަމަލީ ސިފައެއް ގެނައުން މަޑުޖެހުނު ކަމުގައިވީނަމަވެސް، 1923 ސެޕްޓެންބަރު 7 ގައި އޮސްޓްރިއާގެ ވިއެނާގައި ބޭއްވުނު ދެވަނަ އިންޓަނޭޝަނަލް ޕޮލިސް ކޮންގްރެސްގައި އިންޓަނޭޝަނަލް ޕޮލިސް ކޯޕަރޭޝަންގެ ބިންގާ ރަސްމީ ސިފައެއްގައިވަނީ އެޅިފައެވެ. މި ކޮންގްރެސްގައި 20 ގައުމަކުން ބައިވެރިވެ، ބައިނަލްއަގުވާމީ ފެންވަރުގައި ފުލުހުންގެ މަސައްކަތްތައް ސްޓްރީމްލައިން ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް ކޮމިޝަން (ICPC) ގާއިމުކުރުމަށް އެއްބަސްވެވުނެވެ. އަދި މި ކޮމިޝަނުގެ މަސައްކަތްތައް މައިގަނޑު ފަސްތީމަކަށް ފޯކަސް ކުރުމަށް އެއްބަސްވެފައިވެއެވެ. އެއީ، ޕޮލިސް-ޓު-ޕޮލިސް މުއާމާލާތްކުރާނެ ގޮތް ހަމަޖެއްސުމާއި، ކާމިޔާބުކަމާއެކު ކުށްވެރިން ހައްޔަރުކޮށް އެކްސްޓްރަޑައިޓް ކުރުމަށް މަގުފަހުކޮށްދިނުމާއި، މި ދާއިރާގައި ރަސްމީކޮށް ބޭނުންކުރާނެ ބަސްތައް ސްޓޭންޑަޑައިޒްކުރުމާއި، ސައްހަ ނޫން ފައިސާ އާއި ޗެކް އަދި ޕާސްޕޯޓުތަކާގުޅޭ މަސައްކަތްތައް ކުރުމަށް ސްޕެޝަލައިޒްޑް އޮފީސްތައް އުފެއްދުމާއި، ފިންގަރޕްރިންޓް ޓެކްނިކްތަކާއި ރިކޯޑުތައް އެކަށައެޅުމެވެ.
އަލަށް އުފެދުނު މި ކޮމިޝަނުގައި ފުރަތަމަ ފަހަރަށް ރައީސްގެ މަގާމު އަދާކުރެއްވީ އޭރުގެ ވިއެނާ ޕޮލިސްގެ ވެރިޔާ، ޑރ. ޖޮހަނެސް ޝޮބާއެވެ. އެމަނިކުފާނު ވަނީ 1932 ވަނަ އަހަރާ ހަމައަށް އިންޓަޕޯލްގެ ރައީސްގެ މަގާމު ފުރުއްވާފައެވެ. 1932 ވަނަ އަހަރު އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އުފައްދައި، އެ މަގާމަށް އޮސްޓްރިއާގެ އޭރުގެ ޕޮލިސް ކޮމިޝަނަރ އޮސްކަރ ޑްރެސްލަރ ހަމަޖެހިގެން ދިޔައެވެ.
1956 އާ ހަމައަށް އައިއިރު އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް ކޮމިޝަން ވަނީ ވަރަށް ބޮޑަށް ތަރައްގީވެ، ކުރިއަރާފައެވެ. އަދި އެ އަހަރު އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޮގަނައިޒޭޝަން (އިންޓަޕޯލް) އަށް ޖަމާއަތުގެ ނަން ބަދަލުވެގެން ދިޔައެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި، އިންޓަޕޯލްއިން ވަނީ މެންބަރު ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް އެއްއަމާޒަކަށް މަސައްކަތްކުރުމަށް ބާރުވެރިކޮށް، ކުރިއަރުވައި ބައިނަލްއަގުވާމީ ފެންވަރުގައި ކުށްތައް ހުއްޓުވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޖަމުއިއްޔާއަށް ވެފައެވެ. 1967 ވަނަ އަހަރާ ހަމައަށް އައިއިރު އިންޓަޕޯލްއާ ޖުމްލަ 100 ގައުމަކުންވަނީ ގުޅިފައެވެ. އަދި 2022 ގައި މި އަދަދު 195 އަށް އިތުރުވެ، އިންޓަޕޯލްއަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު ޕޮލިސް ޖަމާއަތަށްވަނީ ވެފައެވެ.

އިންޓަޕޯލްގެ ސްޓްރަކްޗަރ
އިންޓަޕޯލްގެ ކާމިޔާބީގެ ފަހަތުގައި ވާ އެންމެ ބޮޑު އެއް ސަބަބަކީ، އެ ޖަމާއަތުގެ ސްޓްރަކްޗަރ ފަރުމާކޮށްފައިވާ ގޮތެވެ. އިންޓަޕޯލް ހިންގުމުގައި ބޭނުންވާ އެންމެ މުހިންމު ނިންމުންތައް ނިންމައި، ސިޔާސަތު ކަނޑައަޅާ އެންމެ އިސް ގުނަވަނަކީ، އަހަރަކު އެއްފަހަރު ބާއްވާ އިންޓަޕޯލްގެ ޖެނެރަލް އެސެމްބްލީއެވެ. ޖެނެރަލް އެސެމްބްލީގައި އިންޓަޕޯލްގެ މެންބަރު ހުރިހާ ގައުމެއް ބައިވެރިވާއިރު، ޖެނެރަލް އެސެމްބްލީއިން ނިންމާ ނިންމުންތަކުގައި ކޮންމެ ގައުމަކަށްވެސް ވޯޓު ލެވޭނެއެވެ. އަދި އ.ދ. އާ ހިލާފަށް އެއްވެސް ގައުމަކަށް ޖެނެރަލް އެސެމްބްލީގައި ވޯޓަށް އެހޭ އެއްވެސް ކަމެއް ވީޓޯ ކުރުމުގެ ބާރު ލިބިފައެއް ނުވެއެވެ.
ޖެނެރަލް އެސެމްބްލީއިން ނިންމާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ލަފާދިނުމާއި، ޖަމުއިއްޔާ ހިންގުމުގައި ނިންމަންޖެހޭ އިދާރީ ނިންމުންތައް ނިންމުމަށް، ޖެނެރަލް އެސެބްލީއިން ވޯޓުލައިގެން 13 މެންބަރުން ހިމެނޭ އެގްޒެކެޓިވް ކޮމިޓީއެއް ހަތަރު އަހަރުގެ މުއްދަތައް އެކުލަވާލައި، މި ކޮމިޓީގެ މެންބަރުން ތެރެއިން ރައީސެއް އިންތިހާބުކުރެއެވެ. އަދި ޖަމުއިއްޔާގެ އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުމަށް ފަސް އަހަރުގެ މުއްދަތަކަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަނުކުރެއެވެ.

އިންޓަނޭޝަނަލް ޑޭ އޮފް ޕޮލިސް ކޯޕަރޭޝަން
އިންޓަނޭޝަނަލް ޑޭ އޮފް ޕޮލިސް ކޯޕަރޭޝަނަކީ ކުށުން ރައްކާތެރިކަން ލިބިގެންވާ އަމާން ދުނިޔެއެއް އުފެއްދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ފާހަގަކޮށް، އެ އިދާރާތަކުން ކެނޑިނޭޅި ކުރަމުން އަންނަ ބުރަ މަސައްކަތަކާއި އެ މަސައްކަތްތަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުމާ ގުޅިގެން ކުށްތަކުގެ ވައްޓަފާޅި ބަދަލުވެ، ޓްރާންސްނޭޝަނަލް ކުށްތައް ދަނީ ހަލުވި މިނެއްގައި އިތުރުވަމުންނެވެ. އެގޮތުން، އިންޓަޕޯލްއަކީ ބައިނަލްއަގުވާމީ ފެންވަރުގައި، މިފަދަ ކުށްތައް ހުއްޓުވުމަށް މެންބަރު ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާ ގުޅުވައިދޭ މައި ހަބެވެ. މިސަބަބަށްޓަކައި ''އިންޓަނޭޝަނަލް ޑޭ އޮފް ޕޮލިސް ކޯޕަރޭޝަން'' ގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ އިންޓަޕޯލް ރަސްމީކޮށް ގާއިމުކުރެވުނު ދުވަހުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އިންޓަޕޯލްއިން މެންބަރު ގައުމުތަކާ ގުޅިގެން ހޯދާފައިވާ އަގުނުކުރެވޭފަދަ ކާމިޔާބީތަކަކީ ކުރިއަށް އޮތް މުސްތަގުބަލަށްވެސް އިންޓަނޭޝަނަލް ޕޮލިސް ކޯޕަރޭޝަންގެ މުހިންމުކަން ހާމަކޮށްދޭ ކާމިޔާބީތަކެކެވެ.
އެގޮތުން، އެފްރިކާ ސައިބަރ ސަރޖް އޮޕަރޭޝަން 2 ގައި، 40 މިލިއަން ޑޮލަރުގެ ސްކޭމެއް ހިންގަމުން ދިޔަ ސައިބަރ ނެޓްވޯކް ތަކެއް ވަނީ ބަންދުކޮށްފައެވެ. މިއީ 25 މެންބަރު ގައުމާއި ފަސް ޕްރައިވެޓް ސެކްޓަރ ޕާޓްނަރުން ބައިވެރިވެގެން ހިންގުނު އޮޕަރޭޝަނެކެވެ. މިއާއެކު އެކި ގައުމުތަކުން 14 މީހުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވުނެވެ.
އަދި އެހެންމެ، އިންސާނީ ވަގުފާރިކުރާ ނެޓްވޯކްތައް ހޯދައި ހުއްޓުވުމަށް ގައުމުތައް ގުޅިގެންކުރާ މަސައްކަތުން ބޮޑެތި ކާމިޔާބީތައް ތަންފީޒީ އިދާރާތަކަށް ދަނީ ހާސިލުވަމުންނެވެ. ވޭތުވެދިޔަ ޖުލައި މަހުގެ ތެރޭގައި ނިމުނު އިންޓަޕޯލްގެ "އޮޕަރޭޝަން ފްލޭޝް-ވަކާ" ގައި 54 ގައުމަކުން ބައިވެރިވެ، ޖުމްލަ 1000 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރެވުނެވެ. އަދި އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ 823 މީހުން ސަލާމަތްކުރެވުނެވެ. މިފަދަ އެތައް އޮޕަރޭޝަނެއް އިންޓަޕޯލްއިން ދުނިޔޭގެ އެކިހިސާބުތަކުގައި އަބަދުވެސް ހިންގަމުންދެއެވެ.