ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނައަދަދެއްގެ ބަނގުރާ ނައްތާލައިފި
17 ސެޕްޓެމްބަރ
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ
ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށުގައިހުރި މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޓޫރިސްޓް ޕޮލިސް، ހުޅުމާލެ ޕޮލިސް އަދި ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރަލެވެ.

އެގޮތުން، ނައްތާލާފައިވަނީ ބްރޭންޑެޑް 4100 ފުޅި، 743 ޕެޓް ފުޅި، 4421 ދަޅު އަދި 19 ޕެކެޓް ބަނގުރަލެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 79 އައިޓަމެއް ނައްތާލާފައިވެއެވެ.
ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ކޮތަޅު، ނޫސްކަރުދާސް، ކަރުދާސް ފޮށިގަނޑު އަދި ދަބަސް ފަދަ ތަކެތި ހިމެނެއެވެ.