ޚަބަރު

ވޯކް އެންޑް ޓޯކް ހަރަކާތެއް ލ. ގަމުގައި ކުރިއަށް ގެންގޮސްފި

20 ސެޕްޓެމްބަރ

ލ. ގަން ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

 

މި މަހު 19 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިހަރަކާތުގެ ތެރެއިން ރަށުގެ ގޭބިސީތަކަށާއި ފިހަރާތަކަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި ޕާކުތަކާއި ރަށުގެ އެކި ސަރަހައްދުތަކުން ރައްޔިތުންނާ ބައްދަލުކޮށްފައިވެއެވެ.

 

އެގޮތުން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަން ފާހަގަކޮށް މަޝްވަރާކޮށްފައިވެއެވެ. އަދި އަވައްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއިން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭގޮތަށް ފުލުހުންގެ މަސައްކަތްތައް ރޭވިފައިވާކަން ރައްޔިތުންނަށް އޮޅުންފިލުވައިދީފައިވެއެވެ.

އަދި މަކަރާއި ހީލަތުން ފައިސާހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ފިހާރަތަކުން ކުރާ ވައްކަންތަކުން ރައްކާތެރިވުމަށާއި ރަށުތެރޭގައި އާންމުވެފައިވާ ކުށްތަކާއި އެފަދަ ކަންކަމުން ރައްކާތެރިވާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.


އޭގެ އިތުރުން، ފުލުހުންގެ މަސައްކަތްތަކާއި މި މަސައްކަތުގައި ރައްޔިތުންގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުމާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ. ހަމައެހެންމެ ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުން ފާހަގަކޮށް ރައްޔިތުންނަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުއަދާކޮށްފައިވެއެވެ.