ޚަބަރު

ސެކިއުރިޓީ އޮފިސަރުންނާ ބައްދަލުކޮށް މައުލޫމާތުދިނުމުގެ ހަރަކާތެއް ލ. ގަމުގައި ކުރިއަށް ގެންގޮސްފި

20 ސެޕްޓެމްބަރ

ލ. ގަމުގެ އެކި މުއައްސަސާތަކާއި، ވިޔަފާރިތަކުގައި ދަންވަރު ޑިއުޓީ އަދާކުރާ ސެކިއުރިޓީ އޮފިސަރުންނާ ބައްދަލުކޮށް މައުލޫމާތުދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

 

ގަން ޕޮލިސް ސްޓޭޝަނުން ރޭ ދަންވަރު ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި، އިމާރާތްތަކުގެ ސެކިއުރިޓީ ބަލަހައްޓަންތިބި ސެކިއުރިޓީ އޮފިސަރުންގެ ގާތަށް ޒިޔާރަތްކޮށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، ޑިއުޓީގައި ތިބޭއިރު އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީފައިވެއެވެ. އަދި އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމުުގައި އިސްކަންދޭންޖެހޭ ކަންތައްތަކާއި އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީފައިވެއެވެ.

 

މީގެ އިތުރުން، ޑިއުޓީގައި ވަގުތުތަކުގައި ދިމާވާ ކަންކަން ނޯޓުކޮށް ފުލުހުންނާ ހިއްސާކުރަންޖެހޭ ކަމެއް ދިމާވެއްޖެ ހާލަތުގައި އަމަލުކުރާނެގޮތްތައް ބުނެދީފައިއެވެ. އަދި ޑިއުޓީ ވަގުތުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރާނެ ގޮތްތައް ބުނެދީފައިވެއެވެ.

 

މި ހަރަކާތުގެ ތެރެއިން، މުކުރިމަގު ސުކޫލް، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް، ޔޫތު ސެންޓަރ، ގަމު ކައުންސިލް އިދާރާ، އެމްއެންޔޫ ގަން ކެމްޕަސް އަދި މުކުރިމަގު އަވަށު ހައުސިންގ ޔުނިޓް ސަރަހައްދަށް ޒިޔާރަތްކޮށް ދަންވަރު ސެކިއުރިޓީ ބަލަހައްޓަންތިބި އޮފިސަރުންނާ ބައްދަލުކޮށްފައިވެއެވެ. މީގެ އިތުރުން އެމްޓީސީސީ އޮފީސް، ނޫފަރު ހަކަތަ ޕެޓްރޯލް ޝެޑް، މާތުނޑީ ފިއުލް ޕެޓްރޯލް ޝެޑްގެ އިތުރުން ދިރާގު އޮފީހަށްވެސް މި ހަރަކާތުގެ ތެރެއިން ޒިޔާރަތްކޮށް ސެކިއުރިޓީ އޮފިސަރުންނާ ބައްދަލުކޮށްފައިވެއެވެ.