ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހުން މާލެއިން ހައްޔަރުކޮށްފި
20 ސެޕްޓެމްބަރ
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލޭގެ ދެގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް 27 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އެޕަރޭޝަނުގައި، އެ ދެގެ ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 78 ސެލޯފިންކޮޅު، 10 ރަބަރު ޕެކެޓު، ފިލްމު ހުސްކުރި 8 ދަޅު، 3 ފުޅި، ޖޫސްޕެޓީ ދެކޮތަޅު އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 27 އަހަރުގެ މީހާ އަށް ތިން ދުވަސް ދީފައިވާއިރު 30 އަހަރުގެ މީހާއަށް އެއް ދުވަސް ދީފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.