އޮޕަރޭޝަން ބްލޫވޭވްގެ ކޮމާންޑަރ އެޗް.އާރު.ސީ.އެމް އާއި އެން.އައި.ސީ އާ ބައްދަލުކުރައްވައިފި
26 ސެޕްޓެމްބަރ 2023
ރިޔާސީ އިންތިހާބާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ އޮޕަރޭޝަން ބްލޫވޭވްގެ ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު، ހިއުމަންރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

ވަކިވަކިން ބޭއްވި މި ބައްދަލުވުންތަކުގައި, ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔައިރު ފާހަގަކުރެވުނު ކަންކަންމާއި ފުލުހުންގެ ފަރާތުން ފާހަގަކުރެވިފައިވާ ކަންކަން ހިއްސާކޮށްފައިވެއެވެ. އަދި އިންތިހާބާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގާ އޮޕަރޭޝަނާ ގުޅޭ މައުލޫމާތާއި އެކިއެކި އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު ހިއްސާކޮށް، ގުޅިގެން ހައްލުކުރެވެންހުރި ކަންކަން ހައްލުކުރުމަށް މަޝްވަރާކޮށްފައިވެއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، އޮޕަރޭޝަން ބްލޫވޭވްގެ ޑެޕިއުޓީ ކޮމާންޑަރ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ އިސްވެރިންނާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ނައިބު ރައީސް އާއި ބައެއް މެމްބަރުން ބައިވެރިވެލެއްވިއެވެ.