ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން ދެމީހަކު ހައްޔަރުކޮށްފި

25 އޮކްޓޯބަރ 2023
ފައިލު ފޮޓޯ--

 

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

 

ނައިފަރުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ މީހަކާއި 39 އަހަރުގެ މީހެކެވެ.
 

އޮކްޓޯބަރ 23 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ނައިފަރު މަގުމަތިން އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި، ދެ ސެލޯފިންކޮޅު އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމުހުސްކުރި ދަޅެއް ފެނިފައިވެއެވެ.

 

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، 26 އަހަރުގެ މީހާ 14 ދުވަހަށް ބަންދުކުރުމަށް އަދި 39 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

 

މި މައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.