“އެމްޕަވަރ ހަރ ތްރައިވް އިން ކެރިއަރ އެންޑް ލައިފް” ގެ ނަމުގައި ނޯތު ޕޮލިސް ރީޖަންގައި ޕްރޮގްރާމެއް ހިންގައިފި
29 އޮކްޓޯބަރ
ނޯތު ޕޮލިސް ރީޖަން އާއި މޯލްޑިވްސް ވިމެން އިން ޕޮލިސިން (އެމްޑަބްލިއުޕީ) އަދި ރ.އަތޮޅު ކައުންސިލާ ގުޅިގެން “އެމްޕަވަރ ހަރ ތްރައިވް އިން ކެރިއަރ އެންޑް ލައިފް” ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފިއެވެ.
އޮކްޓޯބަރ 25 އަދި 26 ވަނަ ދުވަހު ރ. އުނގޫފާރު އިސްލާމިކް ސެންޓަރުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ނޯތު ޕޮލިސް ރީޖަން އަށް އަލަށް ވަޒީފާ އަށް ވަންނަ ފަރާތްތަކާއި އަންހެން ފުލުހުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި، އަންހެން އޮފިސަރުންނަށް ދިމާވާ ގޮންޖެހުންތަކާއި މެންޓަލް ވެލްބީންގ އެންޑް ސްޓްރެސް މެނޭޖްމަންޓާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކެރިއަރ ބިލްޑު ކުރުމާއި ރަނގަޅު އާދަތައް ހިފެހެއްޓުމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އޭގެ އިތުރުން މަސައްކަތުގެ މާހައުލުގައި ދިމާވެފައިވާ ތަޖުރިބާ ހިއްސާކުރުމާއި ފިޒިކަލް ޓްރެއިނިންގ އާއި ޓީމް ބިލްޑިންގ ހަރަކާތްތައް މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން އުނގޫފާރު މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ސްޓްރެސް މެނޭޖްމެންޓާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިސެޝަނުގައި 86 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ނޯތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީގެ އިސްނެންގެވުމަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ސެޝަންތައް ނަންގަވައިދެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު އާއި ވިމެން އިން ޕޮލިސިންގެ ވައިސް ޗެއަރޕަރސަން ޢާއިޝަތު ނީލަމް ރަޝީދު އަދި ރ. ހުޅުދުއްފާރު ސްކޫލު ޕްރިންސިޕަލް މުޙައްމަދު ފަޔާޒުއެވެ. މި ޕްރޮގްރާމުގައި ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ނ،ރ،ބ އަދި ޅ. އަތޮޅުން ޖުމްލަ 27 އަންހެން ފުލުހުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމު ނިންމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ރ.އަތޮޅު ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އައިޝަތު ފަރަހަނާޒްއެވެ.