ޚަބަރު

އަރަބިއްޔާ ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ފަށައިފި

30 އޮކްޓޯބަރ 2023

 

ހެންވޭރު ޕޮލިސް ނޭބަރހޫޑް އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒް ގުޅިގެން އަރަބިއްޔާ ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ފަށައިފިއެވެ. 

 

އޮކްޓޫބަރ 29 އިން ފެށިގެން ނޮވެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސެޝަންތަކުގައި އަރަބިއްޔާ ސްކޫލުގެ ޓީޗަރުންނާއި އެސްކޫލުގެ ގްރޭޑް 1 އިން 6 އަށް ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ބެލެނިވެރިނަނަށް މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.  ޖުމްލަ ހަތަރު ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ސެޝަންތަކުގައި ސައިބަރ ކްރައިމްގެ މައްސަލަތަކާއި އިންޓަރނެޓް ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތާއި ދަރިން އިންޓަރނެޓް ބޭނުންކުރުމުގައި ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމާއި ދަރިންނަށް އިންޓަރނެޓްގެ އެކްސެސް ދިނުމުގައި އެކްސަސް ލިމިޓްކުރުމުގައި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ. 

 

އަރަބިއްޔާ ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދާ މި ސެޝަންތަކުގައި އެސްކޫލުގެ 110 ޓީޗަރަކާއި 628 ބެލެނިވެރިިން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.

 

މި ސެޝަންތަކުގައި މައުލޫމާތު ދެއްވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން ޢަބްދުލް ޤައްޔޫމް އާއި  ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރައުފުއްދީން ސައީދުގެ އިތުރުން ސަރޖަންޓް އަޙްމަދު އަލީ އެވެ.