ޚަބަރު

މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންދަނީ އެތައް މަސައްކަތްތަކެއް ކުރަމުން – ނައިބު ރައީސް

08 ނޮވެމްބަރ 2023

މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެ މަސައްކަތްތައް ބަލައިގަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިގޮތަށް ވިދާޅުވީ ރޭ އިއްޒުންދީން ސްކޫލުގައި ބޭއްވި ޓްރެފިކް މޮނީޓާސްގެ 66 ވަނަ ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އިތުރަށް ވިދާޅުވީ ކުދި ރަށްރަށުގައި ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާކަމަށެވެ. އަދި މިފަދަ ހާދިސާތައް މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުންވެސް ބަލައިގަތުމަށް އެދިލެއްވިއެވެ. އަދި މަގުމައްޗަކީ ރައްކާތެރިކަން އިހުތިޔާރު ނުކޮށްފިނަމަ ނުރައްކާތެރި ތަނެއް ކަމަށާއި މަގުމަތީގެ އެކްސިޑެންޓުތަކުގައި ގިނަ ފަހަރަށް ގެއްލުންވެގެން ދަނީ ގަވާއިދާ ހިލާފުވާ ނުވަތަ ފަރުވާކުޑަ މީހާ ނޫންކަމަށާއި ގެއްލުންވަނީ ކުށެއްނެތް މީހާއަށް ކަމަށް ވިދާޅުވިއެވެ.

 

އަދި ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި ރާއްޖޭގައި، މަގުތަކުގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެ އަދަދު 18000 އަށް ވުރެ ގިނަ ކަމަށާއި، ކަނޑު ދަތުރުފަތުރުގެ ތެރެއިން ވެސް ގިނަ އަދަދަކަށް އެކްސިޑެންޓުތައް ހިނގާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަގުމަތީ އެކްސިޑެންޓުތައް ހިނގާ ކަމަށާއި މިކަމާ ހުރިހާ މީހުންވެސް ވިސްނައި ފިކުރުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި މަގުމަތީގެ ގަވާއިދުތަކަށް ބޯލަނބައި މަގުމަތި ބޭނުންކުރާއިރު ތިމާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.

 

އޭގެ އިތުުރުން، ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގެ ތެރެއިން ސްކޫލުތަކުން ގިނަ ދަރިވަރުންތަކަކަށް މައުލޫމާތު ދެވިފައިވާކަމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ކަންތައްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިއީ ހަމައެކަނި ދަރިވަރުންނާ ގުޅުންހުރިކަމެއް ނޫންކަމަށާއި އެންމެހައި ރައްޔިތުންނާ ގުޅުން ހުރިކަމެއް ކަމަށް ވިދާޅުވިއެވެ.

 

އަދި ދަރިވަރުންނަށް ދަސްވި އެއްޗެއްގެ ބޭނުން ރަނގަޅަށް ހިފުމަށާއި ސްކޫލުގައި ލިބޭ ކޮންމެ ފިލާވަޅެއް ދަސްކޮށްގެން އޭގެ ބޭނުން ހިފައިގެން ރަނގަޅު ކުއްޖަކަށްވާން މަސައްކަތްކުރުމަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމި ދަރިވަރުންގެ ކިބައިން ނައިބު ރައީސް އެދިލެއްވިއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް އެކަކު އަނެކަކަށް ފޯރުކޮށްދިނުމަށާއި ގަދަ ހިތްވަރާއެކު މިފަދަ މައުލޫމާތުތައް ހޯދައި ކުރިއަށްދިއުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެލެއްވިއެވެ.