ޚަބަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި އައްޑޫ ސިޓީން ބަޔަކު ހައްޔަރުކޮށްފި

19 ނޮވެމްބަރ 2023

މަސްތުވާތަކެއްޗާ ދެކޮޅަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ހިންގި ދެ އޮޕަރޭޝަނެއްގައި ނުވަ މީހުން ހައްޔަރުކޮށްފިއެވެ.

 

އެ އޮޕަރޭޝަންތަކުގެ ތެރެއިން ގަން ޕޮލިސް ސްޓޭޝަނުން ފޭދޫގައި ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކޮށް ބަޔަކު ހައްޔަރުކޮށްފައިވެއެވެ. އެއީ 20 އަހަރުގެ މީހަކާއި 26 އަހަރުގެ ދެމީހުންނާއި 27 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއްގެ އިތުުރުން 31 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކާ އަދި 45 އަހަރުގެ މީހެކެވެ.

 

އެ މީހުން ހައްޔަރުކޮށް އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ހަތަރު ދަޅު އަދި ކަރުދާސްކޮޅެއް ފެނިފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހަކާ ގުޅުންހުރި އެހެން ގެއެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 17 ވަނަ ދުވަހުގެ ރޭ  އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނިފައިވެއެވެ.

 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ ކޯޓުންވަނީ ދޫކޮށްލާފައެވެ. އަދި 36 އަހަރުގެ މީހާއާއި 45 އަހަރުގެ މީހާ 14 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ދެންތިބި މީހުން ހަތްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

 

މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ހަތަރު ދަޅާއި، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި އެހެނިހެން ތަކެތި ފެނިފައިވެއެވެ. މި ތަކެތި ފެނިފައިވަނީ މި މަހު 15 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް އޭނާ މަސައްކަތްކުރާ ބޯޓު ބަލައިފާސްކުރި ކުރުމުންނެވެ.

 

މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާ ހަތްދުވަހަށް ބަންދުކުރުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

 

މި ދެ މައްސަލަވެސް ފުލުހުންގެ ދަނީ ތަހުގީގު ކުރަމުންނެވެ.