މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެމީހުން ހައްޔަރުކޮށްފި
26 ނޮވެމްބަރ 2023
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ މަރަދޫފޭދޫ، ހުޅުމީދޫ އަދި އދ. ދަނގެތީގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ދެމީހުން ހައްޔަރުކޮށްފިއެވެ.
އެގޮތުން، މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ކަމުގެ ތުހުމަތުގައި ނޮވެމްބަރު 23 ވަނަ ދުވަހު މަރަދޫފޭދޫ ގެ އެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ތިންރަބަރު ޕެކެޓާއެކު 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.
މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ނޮވެމްބަރު 22 ވަނަ ދުވަހު ދަނގެތީގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ދަނގެއްޗަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި، އެ ލޯންޗުން ބޭލި ތަކެތި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދަޅެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ހުޅުމީދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން
ނޮވެމްބަރު 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނުމާ ގުޅިގެންނެވެ.
މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.