ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އުކުޅަހުގައި ފަށައިފި
13 ޑިސެމްބަރ 2023![](/uploads/1_ca7ea66954.jpg)
ބައިނަލްއަގުވަމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔުނިސެފް މޯލްޑިވްސް ގުޅިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ހަރަކާތްތައް އއ. އުކުޅަހުގައި ފަށައިފިއެވެ.
މި ހަރަކާތްތައް އިއްޔެ އުކުޅަހުގައި ފަށާފައިވަނީ ”ޗައިލްޑް ސޭފް ޓޫރިޒަމް” ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މައުލޫމާތު ދިނުމުގެ ޕްރޮގްރާމް އިންނެވެ.
![](/uploads/viber_image_2023_12_13_08_51_15_812_6f40964480.jpg)
މި ޕްރޮގްރާމަކީ ފަތުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން، ދިވެހިރާއްޖޭގެ ކުޑަކުދިންނަށާއި ދިވެހިރާއްޖެއަށް ދަތުރުކުރާ ކުޑަކުދިންނަށް ރާއްޖޭގައި އަމާން ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ތަފާތު އެކި މައުލޫމާތު މި ޕްރޮގްރާމްގެ ތެރެއިން ހިއްސާކުރާނެއެވެ.
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުލަގަދަކޮށް ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.
![](/uploads/22_535383c1f9.jpg)
މި ދުވަހާ ގުޅިގެން މި އަހަރު އުކުޅަސް އަދި އއ. އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން ގިނަ ހަރަކާތްތަކެއް ޑިސެމްބަރު 12 އިން 21 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ކުދިންނާ ގާތުން، ރަށުތެރެ ސާފުކުރުމުގެ ހަރަކާތް، ފަން ރަން، ވޯޓަރ ސްޕޯޓް، ބިލްބޯޑު އިފްތިތާހުކުރުން، ކުޑަކުދިންގެ ހަވީރު އަދި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މިއަހަރު ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔުނިސެފް މޯލްޑިވްސް، އުކުޅަހު ކައުންސިލް އަދި ރަށުގެ އެހެނިހެން މުއައްސަސާތަކާއި ޖަމުއިއްޔާތައް ގުޅިގެންނެވެ.