ޚަބަރު

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އއ. އުކުޅަސް: ކުޑަކުދިންގެ ހަވީރު، ބިލްބޯޑު އިފްތިތާހު ކުރުން

16 ޑިސެމްބަރ 2023

ބައިނަލްއަގުވަމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔުނިސެފް މޯލްޑިވްސް ގުޅިގެން އއ. އުކުޅަހުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ކުޑަކުދިންގެ ހަވީރެއް ބާއްވައި ބިލްބޯޑު އިފްތިތާހު ކޮށްފިއެވެ.

 

މިއަދު ހަވީރު އުކުޅަހު ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތައް ފެށުމުގެ ގޮތުން، ފަލަސްތީނުގައި ކުޑަކުދިންނަށް ދެމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުމުގެ ގޮތުން އެއްމިނެޓުގެ ސްކޫތެއް ގެނެސްފައެވެ.

ކުޑަކުދިންގެ ހަވީރު ޝަރަފުވެރިކޮށްދެއްވައި ބިލްބޯޑު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވިއެވެ.

 

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަ ފުޅުގައި،  ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތްތައް ފަދަ ހަރަކާތްތައް ކުޑަކުދިންނަށް އަމާޒުކޮށް ގިނަގިނައިން ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ކުޑަކުދިންނަށް ކުރިމަތިވާ އެކި މައްސަލަތަކުގެ ތެރެއިން ބުލީކުރުމުގެ މައްސަލައަށް އަލިއަޅުވާލައްވައި އެކަމަކީ މުދައްރިސުންނާއި ބެލެނިވެރިން އަދި ކަމާގުޅޭ ހުރިހާ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއްދޭންޖެހޭ މައްސަލައެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުދިން ބުލީގެ ޝިކާރައަކަށް ވުމުން ދުރުހެލިކޮށް ކުދިންނަށް ހިމާޔަތްދިނުމުގައި ކުދިންގެ ޒިންމާ ނަންގަވާ ފަރާތްތަކުން ކުދިންނާ ގާތްގުޅުމެއް ބަހައްޓަވައިގެން މަސައްކަތްކޮށްދެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

 

ކުޑަކުދިންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް މަސައްކަތްކުރުމާއި އެކަމަކީ ފަރުދީ އަދި އިޖުތިމާއީ ޒިންމާ އަކަށް ހެދުމުގެ އިތުުރުން ކުޑަކުދިންނަށް ލިބެމުންދާ އެކި ކަހަލަ އަނިޔާތަކާއި އެ އަނިޔާތަކުން ކުދިން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މެސެޖުތައް ބިލްބޯޑުގައި ލިޔެފައިވެއެވެ.

އަދި ކުޑަކުދިންގެ ހަވީރުގައި ކުދިން ގަޔާވާ ފަދަ ކުޅިވަރުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް އުކުޅަސް އަދި އއ. އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން ގިނަ ހަރަކާތްތަކެއް ޑިސެމްބަރު 12 އިން 21 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ހަރަކާތްތައް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، ޔުނިސެފް މޯލްޑިވްސް، އުކުޅަހު ކައުންސިލް އަދި ރަށުގެ އެހެނިހެން މުއައްސަސާތަކާއި ޖަމުއިއްޔާތައް ގުޅިގެންނެވެ.