ތ. އަތޮޅު މަދަރުސާގެ އިސްވާރުންގެ ބަދަހި ކޭމްޕު ބާއްވައިފި
18 ޑިސެމްބަރ 2023
ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނާއި ތ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ''އިސްވާރުންގެ ބަދަހި ކޭމްޕު'' ބާއްވައިފިއެވެ.
ޑިސެމްބަރ 16 އަދި 17 ވަނަ ދުވަހު ތ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި އެންޓި ސޯޝިއަލް ބިހޭވިއަރ، ގައުމިއްޔަތު، ފަސްޓްއެއިޑް، ޓްރެފިކް އެވެއާނަސް، ފިޒިކަލް އެޑިއުކޭޝަން އަދި ޓީމް ބިލްޑިންގ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އެގޮތުން، ޓްރެފިކް މައްސަލަތަކަށް ހޭލުންތެރިކުރުމަށް މައުލޫމާތުދީ އަދި މަގުމަތީގެ އަދަބުތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި ޓީމްވޯކް ވަރުގަދަކޮށް ހަރުދަނާކުރުމަށް ބާރުއެޅުމާއެކު ދަރިވަރުންނަކީ އަހުލާގު ރަނގަޅު ބަޔަކަށް ހެދުމާއި، މައިންބަފައިންނާއި މުދައްރިސުންގެ ބަސްގަބޫލުކުރާ ކިޔަމަންތެރި ބަޔަކަށް ހެދުމަށް ބާރުއަޅައި މައުލޫމަތުދީފައިވެއެވެ.

އޭގެ އިތުރުން، ދަރިވަރުންނަކީ ގައުމުދެކެ ލޯބިވާ ބަޔަކަށް ހެދުމާއި، ދަރިވަރުންގެ ކިބައިގައި ގައުމީ ރޫހު އާލާކުރުވުމަށް މައުލޫމާތުދީފައިވެއެވެ. އަދި ކުއްލިއަކަށް ދިމާވާ ހާދިސާތަކުގައި ފުރަތަމަ އެހީ ދޭނެ ގޮތްތައް ބުނެދިނުމަށް ވެސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ކޭމްޕުގައި ތ. އަތޮޅު މަދަރުސާގެ ޕްރިފެކްޓް ބޯޑުގެ 56 ދަރިވަރުން ބައިވެރިވިއެވެ