ދަރިން ތަރުބިއްޔަތުކުރުމާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ވޯކްޝޮޕެއް ކުރެންދޫގައި ކުރިއަށް ގެންގޮސްފި
24 ޑިސެމްބަރ 2023
ޅ. ކުރެންދޫ ޕޮލިސް ސްޓޭޝަނާއި، ކުރެންދޫގައި ހުންނަ ޅ. އަތޮޅު މަދަރުސާ އަދި ރަށު ކައުންސިލު ގުޅިގެން، ދަރިން ތަރުބިއްޔަތުކުރުމާއި ގެވެށިއަނިޔާ ހުއްޓުވުމުގެ ނަމުގައި ކުރެންދޫގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
ޑިސެމްބަރު 22 އިން 23 އަށް މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ޅ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް ހާއްސަކޮށްގެންނެވެ. މި ވޯކްޝޮޕުގައި، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމާއި ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމާއި ގެންގުޅެވިދާނެ އުކުޅުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން ނަމޫނާ ބަޔަކަށްވުމަށް މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، ގެވެށި އަނިޔާގެ މައްސަލަތަކާއި އެފަދަ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ އިތުރުން ބެލެނިވެރިން ވެސް އެފަދަ މައްސަލަތަކުން ރައްކާތެރިވާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންނަށް ދިމާވާ ދަތިތަކާއި ބެލެނިވެރިންނާ ގުޅިގެން އެފަދަ ކަންކަން ހައްލުކުރުމަށް މައުލޫމާތުދީ ފައިވެއެވެ.
މި ވޯކްޝޮޕުގެ ތެރެއިން ބެލެނިވެރިންގެ މެދުގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ޅ. އަތޮޅު މަދަރުސާގެ 28 ބެލެނިވެރިންނާއެކު ކުރިއަށް ގެންދިޔަ މި ވޯކްޝޮޕުގައި މައުލޫމާތު ދެއްވީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ބޭފުޅުންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ މުވައްޒަފުންނާއި ނ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނެވެ.