ޚަބަރު

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަނުކުރައްވައިފި

25 ޑިސެމްބަރ 2023

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަނުކުރައްވައިފިއެވެ.

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އަލީ ޝުޖާއު އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު އަރުވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

 

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 2006 ސެޕްޓެމްބަރު 11 ވަނަ ދުވަހު ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ރޭންކުގައެވެ. އެސިސްޓެންޓް ކޮމިޝަނަރގެ މަގާމަށް އަލީ ޝުޖާއު އައްޔަނުކުރައްވާފައިވަނީ 2015 ސެޕްޓެމްބަރު 14 ވަނަ ދުވަހުއެވެ. މި މުއްދަތުގައި ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑު، ސާވިސް ޑިވެލޮޕްމަންޓް ޑައިރެކްޓެރޭޓް، އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް، ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑް އަދި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓަރޭޓްގައި ވެސް މަސައްކަތްޕުޅު ކުރައްވާފައިވެއެވެ.

 

ކޮމިޝަނަރ އޮފް ޕޮލިސް ދިވެހި ފުލުހުންގެ ޚިދުމަތުގައި މި ހޭދަކުރެއްވި 17 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތްޕުޅު ކުރައްވާފައިވާއިރު 2021 ޖުލައި 4 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުންނެވީ ސެންޓްރަލް ޕޮލިސިންގެ ކޮމާންޑުގެ އެންމެ އިސް ވެރިއެއްގެ މަގާމުގައެވެ.

 

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މާސްޓާސް ހައްދަވާފައިވަނީ މެނޭޖްމަންޓުގެ ދާއިރާއިން، މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީ އިން 2006 ވަނަ އަހަރުއެވެ. އޭގެ އިތުުރުން، ބެޗްލާސް އޮފް ސައިންސް، ޑިޕްލޮމާ އިން އެލިމެންޓްރީ އެޑިއުކޭޝަން އަދި ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް ހައްދަވާއިވެއެވެ. އައިޕީއެސް ޕްރޮބޭޝަނާސް ކޯސް ހައްދަވާފައިވަނީ އިންޑިއާ އިންނެވެ. މީގެ އިތުރުން އެފްބީއައި ނޭޝަނަލް ޕޮލިސް އެކަޑަމީގެ ސެޝަންގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ. އަދި ސީނިއަރ ޕޮލިސް އޮފިސާސް ކޮމާންޑު ކޯސް މެލޭޝިއާ އިން ފުރިހަމަކުރައްވާފައިވެއެވެ. ޕަބްލިކް އޯޑަރ ޓްރެއިންނިންގ ކޯސް ހައްދަވާފައިވަނީ 2012 ވަނަ އަހަރުއެވެ. މީގެ އިތުރުން، ހަވާއީ އިން އެޑްވާންސްޑް ސެކިއުރިޓީ ކޯޕަރޭޝަން ކޯސް ފުރިހަމަކުރައްވާފައިވާއިރު އެހެނިހެން ކޯސްތައް ވެސް ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ހައްދަވާފައިވެއެވެ

 

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ މުވައްޒަފުންގެ ނަމުގައި މަރުހަބާ ދަންނަވަމެވެ.