ޚަބަރު

ސައްހަނޫން ޑޮލަރުގެ ނޫޓުތަކެއް ދައުރުވަމުންދަނީ. ސަމާލުވެލައްވާ!

11 ޖަނަވަރީ 2024
ސައްހަނޫން ޑޮލަރުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ނޫޓުތަކެއް – ފައިލް ފޮޓޯ

 

 

މިހާރަކަށް އައިސް ސައްހަ ނޫން  ޔޫއެސް ޑޮލަރުގެ 100، 50 އަދި 20 ގެ ނޫޓުތަކެއް ދައުރުވަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ފާހަގަކުރެވިފައިވާތީ، އެކަމަށް އާންމު ރައްޔިތުން މިހާރަަށް ވުރެ ބޮޑަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި  ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއްވެސް ފުލުހުންނަށް ހުށަހެޅި ދަނީ ތަހުގީގު ކުރަމުންނެވެ. 

 

އެގޮތުން، ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ 57 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. 

 

ސައްހަނޫން ޔޫއެސް ޑޮލަރުގެ ނޫޓްތަކެއް ދައުރު ވަމުންދާތީ، މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދެއްވައި،  ޑޮލަރު މުއާމަލާތްކުރައްވާއިރު ޑޮލަރުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ ޑޮލަރުގެ މުއާމަލާތް ނުކުރެވުމަށްވެސް އިލްތިމާސްކުރަމެވެ.