ޚަބަރު

ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ބިދޭސީ މުދައްރިސުންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

13 ޖޫން

ކޮމަންޑޫގައި ހުންނަ ށ. އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތްކުރާ ބިދޭސީ މުދައްރިސުން، ސްކޭމް ކޯލުތަކުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

 

ކޮމާންޑޫ ޕޮލިސް ސްޓޭޝަނުން މި މަހު 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި މީސްމީޑިއާ މެދުވެރިކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށާއި ޒާތީ މައުލޫމާތާއި ބެންކު އެކައުންޓުގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު އެހެން މީހަކާ ހިއްސާ ނުކުރުމަށާއި އެފަދަ ކަންކަމުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ.

 

އޭގެ އިތުރުން، ސޯޝަލް މީޑިއާ އެކައުންޓު ހެކްކޮށް އާއިލާ މީހުންނާއި ރައްޓެހިންނަށް މެސެޖުކޮށް ފައިސާއަށް އެދެމުން އަންނަ މައްސަލަތައް އިތުރުވަމުންދާތީ، މިކަންކަމުން ސަލާމަތްކޮށް ރައްކާތެރިކުރުވުމަށް ވެސް މައުލޫމާތުދީފައިވެއެވެ. އަދި ފޯނަށް އަންނަ އޯޓީޕީ ކޯޑު ހިއްސާނުކުރުމަށާއި ސްކޭމް ކޯލުތަކަށް ވާހަކަނުދެއްކުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ސްކޭމްގެ މައްސަލަތަކުގައި ވިކްޓިމައިޒްވާ މީހުން ކަންކުރަންވީ ގޮތް އޮޅުންފިލުވައިދީ މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ ވީހާ އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.