ޚަބަރު

ވިޔަފާރިތަކަށް ހާއްސަކޮށްގެން ފ. އަތޮޅުގައި ޕްރޮގްރާމެއް ހިންގައިފި

24 ޖުލައި

ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފ. އަތޮޅުގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން، އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

 

މި މަހުގެ 23 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ “ހޭލަމާ” ގެ ނަމުގައި ފ. އަތޮޅުގައި ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

 

މި ޕްރޮގްރާމުގައި، ފ. އަތޮޅުގައި އެކިބާވަތުގެ ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ. އެގޮތުން ކާކުކަން ނޭނގޭ މީހުން ގުޅައިގެން ވިޔަފާރީގެ މުއާމަލާތުކުރާއިރު އެކަމަށް ރައްކާތެރިވުމަށާއި، ވިޔަފާރިކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމަށާއި، ސޭޓުންގެ ގޮތުގައި ބިދޭސީން ނުބޭތިއްބުމަށާއި، ކުޑަކުދިންނަށް ވިއްކުންމަނާ ތަކެތި ނުވިއްކުމަށާއި އަދި ކުޑަކުއްޖަކު އެކަނި ވިޔަފާރިކުރާތަނަކަށް އައިސްފިނަމަ އަމަލުކުރާނެ ގޮތުގެ މައުލޫމާތުދީފައިވެއެވެ.

 

އޭގެ އިތުރުން، ފައިސާ ގެންގުޅުމުގައި ވިސްނަންޖެހޭ ކަންކަމާއި، ބިދޭސީން ވިޔަފާރިތެރޭގައި ގެންގުޅޭނަމަ ގަވާއިދާ އެއްގޮތަށް ގެންގުޅުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަވެއްޖެނަމަ ފުލުހުންނަށްއެކަން ހިއްސާކުރުމުގެ މުހިންމުކަން ވެސް ބުނެދީފައިވެއެވެ.

 

“ހޭލަމާ”ގެ ނަމުގައި ފ. އަތޮޅުގައި ހިންގަންފަށާފައިވާ މި ޕްރޮގްރާމްގެ ތެރެއިން، ކޮންމެ ހަފްތާއަކު ވެސް ތަފާތު ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. ރަތްޔިތުންނާ ގުޅުންބަދަހިކޮށް ހޭލުންތެރި އަމާން މުޖުތަމައަކަށް ފ. އަތޮޅު ހެދުމަށްޓަކައި އެ އަތޮޅުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.